އާ ސަރުކާރުގެ ވަޒީރުނަށް ރުހުންނުދީ މަޖިލިސް މިއަދު ޗުއްޓީ އަށް ހިނގައްޖެއްޖެއެވެ.

މިއަދު ބޭއްވި ތިންވަނަ ދައުރުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މި ދައުރުގެ ތެރޭގައި މަޖިލީހުން 38 ޖަލްސާއެއް ބާއްވައި ފަސް ބިލެއްގެ މަސައްކަތް ނިންމާފައިވާ ކަމަށާއި ކުރީ ސަރުކާރުން ހުށަހަޅާފައިވާ 14 ބިލެއް މި ސަރުކާރުން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

ތިންވަނަ ދައުރުގެ ތެރޭގައި ހަ ގަރާރެއްގެ މަސައްކަތް ނިމުނުއިރު ކޮމިޓީ މަރުހަލާގައި 17 ގަރާރެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި

"ތިން ވަނަ ދައުރުގެ މަސައްކަތަށް ބާލާއިރު 57.3 ޕަސެންޓު މަސައްކަތް އެއްކޮށް ވަނީ ނިމިފައި،" އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ނިންމާލާފައި މިވަނީ، އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ނުދީ އެވެ. އޭގެ އިތުުރުން, މިނިސްޓްރީތަކުގެ މެންޑޭޓުތައް ފާސްކުރުމުގެ މައްސަލަ ވެސް އޮތީ ކޮމިޓީ މަރުހަލާގައެވެ. ވަޒީރުންނަށް ރުހުން ދެވެން އޮތީ މެންޑޭޓުތައް ފާސްކޮށްގެން ކަމަށް މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުން ހާމަކޮށްފައިވެއެވެ.