ރަޖިސްޓްރީ ނުކޮށް، ސަރުކާރަށް ފާޑުކިޔަމުން ދިޔަ ދެ ވެބްސައިޓަކަށް ރާއްޖޭން ނުވަދެވޭގޮތް ހެދުމަށްފަހު، ރަޖިސްޓްރީ ކޮށްގެން ސަރުކާރަށް ފާޑުކިޔަމުންދާ ނޫހެއްވެސް ބްލޮކް ކޮށްފިއެވެ.
ސަރުކާރަށް ފާޑުކިޔާ ވެބްސައިޓްތަކާއި ނޫސްތައް އެއްވެސް އުސޫލެއް ހާމަކުރުމެއް ނެތި މިގޮތަށް ބްލޮކްކުރާން ފެށުމުން ނޫސްވެރީންނާއި އާންމުންވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
މިފަހަރު ބްލޮކް ލިސްޓަށް އިތުރުކޮށްފައި ވަނީ، 2019 ވަނަ އަހަރު މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ އޮންލައިން ނޫހެއް ކަމަމަށްވާ "ފުރަތަމަ ނިއުސް" އެވެ.
މިއީ، ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، 28 ވަނަ މާއްދާއިން ލިބިދޭ ނޫސްވެރިކަމުގެ މިނިވަންކަމަށް ކަނޑައެޅިގެން ސަރުކާރުން ހުރަސްއެޅުމެވެ. އަދި މިކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ.
ސަރުކާރުން އެޅި މި ފިޔަވަޅާއެކު، އިދިކޮޅު ފަރާތްތަކުންނާއި ނޫސްވެރީން ދަނީ މިކަމަށް ފާޑުކިޔައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް، ސަރުކާރުން މިއަށް ރައްދުދީ ބުނެފައި ވަނީ، ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
"ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއްވެސް އަދި ބްލޮކެއްވެސް ނުކުރާނެ." ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވިއެވެ.
ރައީސް މައުމޫނުގެ ވެރިކަމަށްފަހު މިގޮތަށް ސަރުކާރަަށް ފާޑުކީ ވެބްސައިޓެއް ބަންދުކުރި މިއީ ފުރަތަމަ ފަހަރެވެ. އެގޮތުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރަށް ފާޑުކީ މިފަދަ އެއްވެސް ވެބްސައިޓެއް ބްލޮކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އޭރު މީޑިއާތައް ކޮންޓްރޯލް ކުރީ، ދައުލަތުން ވަރަށް ބޮޑު ހޭދައެއް ކޮށްގެން ރާއްޖޭގެ ބޮޑެތި ހުރިހާ ނޫސްތަކެއް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސްގެންނެވެ.