ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތާއި އިންވެގެން ހުންނަ މާލޭ ޖަލު ހުސްކުރަން ސަރުކާރުން ނިންމައިފި އެވެ.

ހޯމް މިނިސްޓްރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކަމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފު ވިދާޅުވީ ދަރިވަރުންނަށް ނޭދެވޭ އަސަރުކުރާތީ މާލޭ ޖަލު ހުސްކުރުމަށް އެ ޖަލުގައި ތިބި ގައިދީން ބަދަލުކުރާނީ މާފުށި ޖަލަށާއި އައްސޭރި ޖަލަށް ކަމަށެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ފެށެން ވާއިރަށް މާލޭ ޖަލު ހުސްކުރުމުގެ މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އާސިފް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުއްމީދަކީ ދެވަނަ ޓާމުގެ ކިޔެވުން ފެށެން ވާއިރަށް، އަޅުގަނޑުމެން މާލޭ ޖަލު ހުސްކުރުމުގެ މަސައްކަތް ނިންމައިލުން އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ފޯކަސް،" އާސިފު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގައި ވެސް މާލޭ ޖަލު ހުސްކުރުމުގެ މަސައްކަތް ފެށި އެވެ. އަދި އެ މަސައްކަތް މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ނިންމާލާނެ ކަމަށް ބުނި ނަމަވެސް އެ މަސައްކަތް މުޅިން ނިމިފައެއް ނުވެ އެވެ. އޭރު ނިންމާފައި އޮތީ މާލޭ ޖަލުގައި ތިބި ގައިދީން ހުޅުމާލެ ޖަލަށް ބަދަލުކުރުމަށެވެ.