ހަށިވިއްކައިގެން ހޯދި ގިނަ ޢަދަދެއްގެ ފައިސާއާއެކު ބިދޭސީ އަންހެނަކު މާލެ ސިޓީން ހައްޔަރުކޮށްފިއެވެ. 

ފުލުހުން ބުނީ، ގިނަ ޢަދަދެއްގެ ފައިސާއާއެކު ހައްޔަރުކޮށްފައި ވަނީ، ތައިލެންޑަށް ނިސްބަތްވާ ޢުމުރުން 39 އަހަރުގެ ވިޕަޕަން ޝަރޮއެންސީ ނަމަކަށް ކިޔާ މީހެއް ކަަމަށެވެ. އަދި އޭނާއަކީ މީގެ ކުރީންވެސް 3 ފަހަރެއްގެ މަތީން ރާއްޖެ އައިސްފައިވާ މީހެއްކަމަށާއި، މިހާރު އޭނާ ރާއްޖޭގައި އުޅެނީ ސައްޙަ ވިސާއެއްވެސް ނިތިކަމަށް ފުލުހުން ބުނެއެވެ. 

ފުލުހުން ކްރިމިނަލް ކޯޓުގައި ބުނެފައިވާ ގޮތުން، ހަށިވިއްކުމުގެ ތުހުމަތުގައި ހައްޔަރުކުރި އެ އަންހެންމީހާގެ އަތްދަބަހުން ގިނަ ޢަދަދެއްގެ ފައިސާވަނީ ފެނިފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމަމުން ކޯޓުގެ ގާޒީ ވަނީ އެއީ ހަށިވިއްކައިގެން ހޯދި ފައިސާކަމަށް އަންހެން މީހާ ޢިއުތިރާފުވެފައި ވާ ކަމަށެވެ. 

އެހެންކަމުން ކޯޓުން ވަނީ، މުޖްތަމައުގެ ސަލާމަތާ ރައްކާތެރިކަމަށް ބަލައި އަންހެންމީހާގެ ބަންދަށް 3 ދުވަސް ޖަހައިފައެވެ. އަދި ކޯޓުން ވަނީ އޭނާގެ ބަންދަށް ކުރު މުއްދަތެއް ދީފައިވަނީ ވަކީލަކު އައްޔަންކުރުމުގެ ފުރުސަތު ބޭނުންވާކަމަށް ބުނުމުންކަމަށް ވެސް ބުނެފައެވެ.

ރާއްޖޭގައި މިފަހަކަށް އައިސް އަނެއްކާވެސް މިވަނީ، ހަށިވިއްކުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ފޭރުމާއި މާރާމާރީ ފަދަ މުޖްތަމައަށް ނުރައްކާވާފަދަ އެތައްކަމެއް ޢާންމުވެފައެވެ.