އިންޑިއާއިން ރާއްޖެއަށް ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތުމުން، ވިޔަފާރިތަކުން ފިޔާ އަގު ބޮޑުކޮށް ނުވިއްކުމަށް އިކޮނޮމިކް މިނިސްޓްރީ މިއަދު އިލްތިމާސްކޮށްފިއެވެ.

މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މޫސުމީ ގޮތުން މިވަގުތު އިންޑިއާއަށް ކުރިމަތިވެފައިވާ ހާލަތާއި ގުޅިގެން، ބައެއް ގައުމުތަކަށް ފިޔާ އެކްސްޕޯޓް ކުރުން މަޑުޖައްސަލާފައިވީ ނަމަވެސް، ދިވެހިންނަށް ފިޔާ ލިބުމުގައި ދަތިކަމެއް ދިމާވާނެ ފަދަ އެއްވެސް ފިޔަވަޅެއް އެގައުމުން އަޅާފައި ނުވާ ކަމަށެވެ.

ރާއްޖެއަށް ފިޔާ އިމްޕޯޓުކުރާ ބައެއް ފަރާތްތަކާއެކީ ކުރެވުނު މަޝްވަރާތަކުގައި ރާއްޖެއަށް ދަތިކަމެއް ނެތި ފިޔާ އިމްޕޯޓު ކުރެވޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މިނިސްޓްރީން 23 ވިޔަފާރިއަކުން އަގު ބަލައި ކުރި ދިރާސާ އިން ދައްކާގޮތުގައި، މިދިޔަ މަހުގެ 23 އާއި އަޅާބަލާއިރު މިއަދު ބާޒާރުގައި 20 ޕަސެންޓާއި 50 ޕަސެންޓާ ހަމައަށް ފިޔާގެ އަގު އުފުލިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ވަނީ ޒަރޫރީ ބާވަތްތައް ރާއްޖެއަށް އިމްޕޯޓު ކުރުމުގައި އެއްވެސް ދަތިކަމެއް ދިމާވެއްޖެ ހާލަތެއްގައި މިކަމަށް އެކަށޭނެ ހައްލެއް ސަރުކާރުން ހޯދައިދޭނެ ކަމަށާއި އެހެންކަމުން އާންމުންނަށް ދަތިވާފަދަ ގޮތަކަށް ބާޒާރުގައި ފިޔާގެ އަގު މަތިނުކުރަން ވަނީ އެދިފައެވެ.