އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރ އާ ޙަވާލުކޮށްގެން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އަޅާންފެށި ބްރިޖުގެ 81 އިންސައްތަ މަސައްކަތް ނިންމާން ޖެހޭއިރު، އެންމެ 29 އިންސައްތަ މަސައްކަތް ނިންމާފައި ވީނަމަވެސް، އެ ކުންފުންޏަށް ދިވެހި ސަރުކާރުން މިހާތަނަށް 2.8 ބިލިއަން ރުފިޔާ ދީފައިވާ ކަމަށް، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. 

ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އެ ބްރިޖް ކުރިއަށް ގޮސްފައިވާ ޙާލަތު ބަލައިލާން ދިޔައިރު، ބްރިޖުގެ މަސައްކަތް ގޮސްފައިވަނީ، އެންމެ 29 ޕަސެންޓަށް ކަމަށް ކޮންސްޓްރަކްޝަން އަދި އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުވަނީ ވިދާޅުވެފައެވެ. 

ޑރ. މުއްތަލިބު ވިދާޅުވީ، 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ކަނޑައަޅާފައިވާ އެ މަޝްރޫޢަށް މިހާތަނަށް، 37.3 ޕަސެންޓް ފައިސާ (186،725،462 ޑޮލަރު ނުވަތަ 2.8 ބިލިއަން ރުފިޔާ) ދައްކާފައިވާ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހީމް ވަނީ، ވެރިކަމުގެ އެންމެ ފަހު ދުވަހުވެސް އެފްކޮންސްއާއެކު ޑީލް ހައްދަވައި، ބްރިޖް ނިންމާންޖެހޭ މުއްދަތު އިތުރުކުރައްވައިފައެވެ. ރައީސް އިބްރާހީމްގެ ސަރުކާރުން 2021 ސެޕްޓެމްބަރު 16ގައި އެފްކޮންސްއާއެކު ސޮއިކުރީ އެ ހުރިހާ މަސައްކަތެއް 2024 ވަނަ އަހަރުގެ މެއި 17އަށް ނިންމާ ގޮތަށެވެ. ނަމަވެސް މިހާރު އިބްރާހީމް ވަނީ، 30 ސެޕްޓެމްބަރު 2026އަށް މަސައްކަތް ނިންމާން އެފްކޮންސްއަށް ވަގުތު ދީފައެވެ.