ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ތިލަމާލެ ބްރިޖް އަޅާން ހަވާލުކުރި އެފްކޮންސްއަށް، ބްރިޖް ނިންމާން ދިން މުއްދަތަށް މަސައްކަތް ނުނިމި ލަސްވަނީ،  އެފަދަ މަސައްކަތެއް ކުރުމުގެ ތަޖުރިބާ ނެތުމުން ކަމަށް ބެލެވޭ ކަމަށް، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ތިލަމާލެ ބްރިޖު މަޝްރޫޢާ ގުޅޭ މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސްގައި، ވަޒީރު ވިދާޅުވީ، ދުނިޔޭގެ އެހެން ތަންތަނުގައި ބްރިޖު އެޅުމަށްވުރެ ރާއްޖޭގައި ބްރިޖު އެޅުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

ރާއްޖެއަކީ، އެހެން ޤައުމުތަކާ ޚިލާފަށް، އޮއިގަދަ ކަނޑުއޮޅިތަކެއް ހިމެނޭ ގައުމެއް ކަމަށާއި، އެފަދަ ކަނޑުއޮޅިތަކެއްގައ ތަނބުތައް ޖެހުމާއި ބޮޑެތި ރާޅު ޖެހުން އަދި ކަނޑުއަޑީގެ ހާލަތު ވެސް، އެހެން ގައުމުތަކާ ތަފާތު ކަމަށާއި، 50 މީޓަރު އަޑިއަށް ތަނބުތައް ޖެހުމާއެކު މި ބްރިޖުގެ މަސައްކަތަކީ ތަޖުރިބާ ނެތް ބަޔަކަށް ވަރަށް އުނދަގޫވާނެ ކަމެއްކަމަށްވެސް އޭނާ ވިދާޅުއެވެ. 

ސިނަމާލެ ބްރިޖު މަޝްރޫއުގައި، އޭރުގެ ހައުސިންގެ ޑެޕިއުޓީ މިނިސްޓަރުގެ ގޮތުގައި އިސްކޮށް މަސައްކަތްކުރެއްވި ޑރ. މުއްތަލިބު ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން އެޅި ސިނަމާލެ ބްރިޖުގެ މަޝްރޫއުގައި ވެސް އެ އުނދަގޫތައް ދިމާވިއެވެ. އަދި އެފްކޮންސްއަށް އެންމެ ބޮޑު ގޮންޖެހުމަކަށް އޮތީ ފުން ތަންތަނުގައި ތަނބުތައް ޖެހުން ކަމަށާއި އެ މަސައްކަތުގައި މާ ބޮޑު ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ. 

ވަޒީރު ވިދާޅުވީ، ތަނބުތައް ޖަހަން ފުރަތަމަ ފެށީ ތިން ފައި ލީ ޖެކަޕް ބާޖެއްގައި ކަމަށެވެ. ނަމަވެސް "ރުމޭލާ" ކިޔާ އެ ބާޖުގެ ފުރިހަމަ ބޭނުން ނުކުރެވޭތީ އެ އުޅަނދު ފޮނުވާލީ ކަމަށެވެ. 

ހުސްވި ހަފުތާގެ ތެރޭގައި އަނެއްކާވެސް ބޮޑު ތިން ޖެކަޕް ބާޖެއް ރާއްޖެ ގެނެސް، މާލެއާއި ވިލިމާލެއާ ދޭތެރޭގައި މަސައްކަތް ފަށާފައިވާކަން ފާހަކުރައްވައި، ވަޒީރު ވިދާޅުވީ ދެން ބްރިޖު ހެދުން ބާރަށް ކުރިއަށްދިދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ތަޖްރިބާ ނެތަސް ކުރީގެ ރައީސް އިބްރާހީމްގެ ސަރުކާރުން ވަނީ، ބްރިޖްގެ މަސައްކަތަަށް ބޭނުންވާ ހުރިހާ ފައިސާއެއް ބަރާބަރަށް އެފްކޮންސްއަށްދީ، އަދި އިތުރު 3 އަހަރަށް ބްރިޖް ނިންމާ މުއްދަތުވެސް ދަންމާލައިފައެވެ.