އެމެރިކާގެ
ވަޢުދުތައް ފުއްދާންދެން، ހޯމުޒް ކަނޑުއޮޅި ދެން އޮންނާނީ ބަންދުކޮށްފައި ކަމަށް
އީރާނުން ބުނެފިއެވެ.
އީރާނުގެ
ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޣާލިބާފް ވިދާޅުވީ، އެމެރިކާއާ
ދެމެދު ހިނގަމުންދާ ހަތް މަހާ ގާތްވެފައިވާ ހަނގުރާމައިގެ ތެރޭގައި، 'މުހިއްމު
ވަގުތުތަކުގައި ފުރިހަމަ އަސްކަރީ ބާރު ބޭނުންކޮށް، ދުޝްމަނުން ހަލާކުކޮށްލާނެ
ހަމަލާތައް' ދޭނެ ކަމަށެވެ. މީގެ އިތުރުން މަޝްވަރާކުރުމުގެ މުހިންމުކަމަށް ވެސް
ޣާލިބާފް ވަނީ އިޝާރާތް ކުރައްވާފައެވެ.
މަޖިލީހުގައި
ވާހަކަދައްކަވަމުން ޣާލިބާފް ވިދާޅުވީ، "މީގެ މާނައަކީ މުހިންމު ވަގުތުގައި
އަހަރެމެން ދުޝްމަނުން ފަހަތަށް ޖައްސާލައި، ފުރިހަމަ އަސްކަރީ ބާރު
ބޭނުންކޮށްގެން ހަލާކުކޮށްލާނެ ހަމަލާތައް ދޭން ޖެހޭނެ" ކަމަށެވެ.
"ނަމަވެސް، ހަނގުރާމައިގެ
މައިދާނުން މުހިންމު ކާމިޔާބީތަކެއް ހާސިލްކޮށް، ދުޝްމަނުން ބަލިކަށި ހާލަތަކަށް
ވާސިލްވެއްޖެނަމަ، އެ ކާމިޔާބީތައް ވަރުގަދަ ކުރުމަށް ޑިޕްލޮމެސީ ބޭނުންކުރަން
ޖެހޭނެ" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޣާލިބާފް
ވިދާޅުވީ، މަޝްވަރާތަކުގައި އީރާނުގެ މަޤާމަކީ "ފުރިހަމައަށް ސާފު، ރަޝީދީ
އަދި މަޝްވަރާ ނުކުރެވޭނެ" މަޤާމެއް ކަމަށެވެ. އެމެރިކާގެ ހުރިހާ
ވައުދުތަކެއް ފުއްދައިފުމަށް ދާންދެން ހޯމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮންނާނެ
ކަމަށް ވެސް އޭނާ އިތުރަށް ވިދާޅުވިއެވެ.
މީގެ އިތުރުން އީރާނުން ވަނީ ހަނގުރާމަ
ނިމުމަކަށް ގެނައުމުގެ މަޝްވަރާތައް އަލުން ފެށުމުގެ ކުރިން އެމެރިކާއިން ފުރިހަމަކުރަންޖެހޭ
7 ޝަރުތެއް ހުށަހަޅައިފައެވެ. އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ
ސެކްރެޓަރީ މުޙުސިން ރިޟާއީ އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައާއި "އެކްސް"
ގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރެއްވި ގޮތުގައި، މި ޝަރުތުތައް އެމެރިކާއަށް ރައްދުކޮށްދީފައިވަނީ
ސުލްޙައިގެ މެދުވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ޤަޠަރާއި ޕާކިސްތާނު މެދުވެރިކޮށެވެ.
މިއީ ވޭތުވެދިޔަ މަހު ދެފަރާތުގެ ދެމެދުގައި ހެދިފައިވާ ފަހުމުނާމާގެ މުއްދަތު
ހަމަވުމާ ގުޅިގެން، މަޝްވަރާތައް އަލުން އާލާކުރުމަށް ކުރެވޭ މަސައްކަތުގެ
ތެރެއިން ހުށަހެޅި ޝަރުތުތަކެކެވެ.
އީރާނުން ހުށަހެޅި 7 ޝަރުތުގެ ތެރެއިން ރިޟާއީ
ޢާންމުކޮށް ހާމަކުރައްވާފައިވަނީ 3 މުހިންމު ނުކާއެކެވެ. އެއީ:
- ހުރިހާ މައިދާނެއްގައި ހަނގުރާމަ ނިމުމަކަށް ގެނައުން
- ހިފަހައްޓާފައިވާ އީރާނުގެ ފައިސާއާއި މުދާތައް
ދޫކޮށްލުން
- އެމެރިކާއިން އަޅާފައިވާ ކަނޑުމަގުގެ ބްލޮކޭޑް
ނިމުމަކަށް ގެނައުން
މި ހަތް
ޝަރުތުގެ ފުރިހަމަ ލިސްޓު އަދި މުޅިން ހާމަކޮށްފައެއް ނުވެއެވެ. އީރާނުން
ބުނެފައިވަނީ މި ހުށަހެޅުންތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާ
ޖަވާބަކަށް އިންތިޒާރުކުރަމުންދާ ކަމަށާއި، މި ޝަރުތުތަކަށް އެމެރިކާއިން
އިންކާރުކޮށްފިނަމަ، ދެން ކުރިމަތިލާނީ "ފަހުގޮތް ނިންމާނެ ވަރުގަދަ
ހަނގުރާމައަކަށް" ކަމަށެވެ.


ޚިޔާލުތައް
0 ޝާއިއުކުރީޝާއިއުކުރި ޚިޔާލެއް އަދި ނެތް.