ވޭތުވެދިޔަ 5 އަހަރު ތެރޭ ވަރަށް ގިނަކަންކަން ކޮށްދެވިއްޖެ ކަމަށާއި، އޭގެ ތެރޭން އެންމެ ބޮޑު ކުރިއެރުމަކީ، ޤައުމަށް ގެނެވުނު ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ރައީސް އިބްރާހީމް ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ޚިޠާބުގައި އެމަނިކުފާނު ވަނީ، ޤައުމު އަމާންކަމާ ސުލްހަ މަސަލަސްކަންމަތީ ބޭއްވުމަށްޓަކައި ކުރެއްވި މަސައްކަތްޕުޅުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، ކުށްކުރާ ގްރޫޕްތަކާއި، ޑްރަގްގެ ވިޔަފާރިއާއި ދެކޮޅަށް އުނދަގޫ އަދި ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި، އެގޮތުން، ސިފައިންނާއި ފުލުހުން މިކަމުގައި މުޙިއްމަދު ދައުރެއް އަދާކުރި ކަމަށެވެ. އެގޮތުން ރާއްޖޭގެ ޝަރުޢީ ދާއިރާއާއި ސިފައިންނާއި ފުލުހުން އަދި މިނިވަން މުއައްސަސާތައް ސިޔާސީ ނުފޫޒުން މިނިވަންކޮށް، މި 5 އަހަރު ތެރޭގައި އެގޮތަށް މަސައްކަތްކުރުމުގެ ފުރުޞަތު އެ ދާއިރާތަކަށް ދެއްވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ރައީސް އިބްރާހީމް ވިދާޅުވީ، އެމަނުކުފާނާ ރައްޔިތުން ވެރިކަން ހަވާލުކޮށް، ރައްޔިތުން އެދުނީ މަޤުމަތީގެ ނާމާންކަމާއި، ހަލަބޮލިކަން ނައްތާލާ ހަމަޖެހުން ގެނައުމަށްކަމަށް ވިދާޅުވިއެވެ.

"ރައްޔިތުން ބޭނުންވީ ސަރުކާރާ ޚިޔާލުތަފާތުވުމުގެ އަގު ޖަލު އަނިޔާއިން ދައްކަންޖެހުން ނިމުމަކަށް ގެނައުމަށް. ރައްޔިތުން އަޅުގަނޑާ ހަވާލުކުރީ ނޫސްވެރިންނަށް އޭރު އޮތް ބިރުވެރިކަން ނައްތާލުމަށް. ދައުލަތުގެ ބާރުތަކުގެ މައްޗަށް ވެރިކަމުގެ ބާރު އިސްކުރުން ނިމުމަކަށް ގެނައުމަށް. ރައްޔިތުން މި މަސްއޫލިއްޔަތު އަޅުގަނޑާ މަތިކުރީ ނުލިބިހުރި އަސާސީ ހައްގުތަށް ހޯދުމަށް. ޑިމޮކްރަސީއާއި އިންސާނީ ކަރާމާތާ މިނިވަން ސިޔާސީ މާހައުލެއް ރާއްޖެއަށް ގެނައުމަށް." ރައީސް އިބްރާހީމް

ކޮވިޑް19ގެ ދަތި ހާލުގައިވެސް، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކާޑާ، ބޭހާ ތެޔޮ ދަތިނުވެ ލިބޭނެ ގޮތް ކަށަވަރުކުރެއްވި ކަމަށާއި، އަދި ސަރުކާރުން ހިންގަމުންދިޔަ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާނުލާ ކުރިއަށްދާނެގޮތް ހޯއްދެވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.  

ރައީސް ވިދާޅުވީ، "ސަރުކާރުގެ އެންމެ މުވައްޒަފެއްގެ ވަޒީފާ ނުގެއްލި މުސާރަ ދިނިން. ވަޒީފާ ގެއްލި ޢާމްދަނީ ނާޒުކު ހާލަތަށް ދިޔަ އަމިއްލަ މީހުންނާ ވިޔަފާރިތަކަށް ސަރުކާރުން އެހީ ދިނިން،" ކަމަށެވެ.

މީގެ އިތުރުން، "ބިލް ނުދެއްކިގެން ކަރަންޓާ ފެން ނުލިބިގެން އެއްވެސް ރައްޔިތަކު ނެތްކަން ކަށަވަރުކުރިން. ބޭހެއް ވެކްސިނެއް ކޮޅެއް މެދެއް ނޭނގޭ އެ ބިރުވެރިކަން ދެއަހަރަށް ދެމިގެންދިޔަ" ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ރައީސް އިބްރާހީމް ގައުމުގެ ވެރިޔާގެ ހައިސިއްޔަތުން ދެއްވާ އެންމެ ފަހުގެ ޖުމްހޫރީ ދުވަހުގެ ޚިތާބުގައި ވިދާޅުވީ، ރައީސް ވިދާޅުވީ، އެމަނިކުފާނާ ވެރިކަން ހަވާލުވިއިރު، އޮތް ބިރުވެރި ހާލަތު ފިލައިގޮސް ރައްޔިތުންނަށް މަގުތަކުގެ އަމާންކަން މިއަދު އިހްސާސްވާކަމަށެވެ.

ނޫސްވެރިންނަށް އޮތް ބިރު އެކުގައި ނައްތާލައި، ޚިޔާލުތަފާތުވެހުރެވެސް ވިޔަފާރިވެރިންނާ ޢާންމު ފަރުދުން އެމީހުންގެ ދިރިއުޅުމާގެން ކުރިއަށް ދެވޭނެކަން މި ފަސްއަހަރު ކަށަވަރުކޮށްދެވުނުކަން ފަޚުރުވެރިކަމާއެކު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ރައީސް ވިދާޅުވީ، ފެނާއި ނަރުދަމާ، ކަރަންޓާއި، އަދި ލަފާފުރުމާއި، ދަތުރުފަތުރުގެ އެންމެ ގިނަ މަޝްރޫޢު މި ވޭތުވި ފަސް އަހަރު، އެކީ އެއްފަހަރާ، ކުރިއަށް ގެންދަން ޖެހުނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ހަމަހަމަކަމާއެކު ޤާއިމްނުވެ ޖުމްހޫރިއްޔަތު ފުރިހަމަ ނުވާނެތީ ކަމަށެވެ. 

ދަރިންގެ ތަޢުލީމާއި، ރައްޔިތުންގެ ޞިއްޙީ ޚިދުމަތް ލާހިކުނުވެ ޖުމްހޫރިއްޔަތު ސާބިތު ނުވާނެތީ، ތަފާތެއްނެތި ހުރިހާ ދަރިވަރުންނަށް ހިލޭ ޑިގްރީ ތަޢާރަފްކުރި ކަމަށާއި، ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާގެ ފަންނީ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރެވިއްޖެ ކަމަށް ރައީސް އިބްރާހީމް ވިދާޅުވިއެވެ.

މާލެއާއި ރާއްޖޭގެ ގިނަ ރަށްތަކަށް ކުރިމަތިވެފައި އޮތް ބޯހިޔާވަހިކަމުގެ ތަކުލީފަށް ޙައްލު ހޯދުމަށް މި 5 އަހަރު އިސްކަންދިން ކަމަށާއި އެގޮތުން، ރަށްރަށުގެ ބިން އިތުރުކުރުމާއި، ހުޅުމާލެ ފޭސް 3 އާއި، ގުޅީފަޅާއި ގިރާވަރު ފަޅު އަދި އުތުރުތިލަ ފަޅަކީ މާލެއަށް އޮތް ޙައްލު. މިކަމަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމުގެ ގޮތުން، މާލޭ ރައްޔިތުންނަށް ދޫކުރާ ޖުމްލަ 9031 ގޯތީގެ ތެރެއިން 6500 އަށްވުރެ ގިނަ ގޯތީގެ ފަތް ޙައްޤުވެރިންނާ ހަވާލުކުރެވިއްޖެކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، "މަސައްކަތުގެ އެކި މަރުޙަލާގައިވާ ޖުމްލަ7700 ފްލެޓުގެ މަސައްކަތް، މާލެ ސަރަޙައްދުގައި މިހާރު ކުރިއަށް ހިނގަމުން އެބަދޭ. އަތޮޅުތެރޭގައި އޮތް ބޯހިޔާވަހިކަމުގެ ބުރައަށް ލުޔެއް ހޯދުމުގެ ގޮތުން، ފާއިތުވީ ފަސް އަހަރު 2732 ހައުސިންގ ޔުނިޓް، އެކި މަރުޙަލާތަކުގައި ކުރިއަށް ގެންދިޔައިން،" ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް ވިދާޅުވީ، "ވެރިކަމުގެ ޙައްޤުތައް އަދާކުރުމުގައި ހަމަހަމަކަމާއެކު އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރުމަށް މި ފަސް އަހަރު އަޅުގަނޑު އިސްކަންދިނިން. ރަށްތަކުގެ މެދުގައި އޮތް ޒަމާންވީ ފަރަޤު ކުޑަކުރުމަށް ސަރުކާރުން އިސްކަންދިނިން." ކަމަށެވެ.

އެމަނިކުފާނު ވަނީ، "އާ ސަރުކާރަށް ކާމިޔާބީ. ރައްޔިތުންނަށް ޞުލްޙަވެރި އުފާވެރި އަމާން ދުވަސްތަކެއް. ދިވެހި ޤައުމަށް ނަޞްރާއި ނަޞީބާއި ކާމިޔާބު މިންވަރު ކުރެއްވުން." އެދޭކަމަށްވެސް ވިދާޅުވެފައެވެ.