ޔަހޫދީ ޓެރަރިސްޓުން ޣައްޒާ ވަށާލައި، އެއްގަމު މަގުން ޣައްޒާގެ ތެރެއަށް ވަދެގަންނާން ތައްޔާރުވަމުންދާކަމަށް އިޒްރޭލުން ބުނުމާއެކު، ފަލަސްތީނުގެ މުޖާހިދުންގެ ޖަމާޢަތް، "ހަމާސް"އިން ވަރުގަދަ އިންޒާރެއް ދީފިއެވެ. 

ހަމާސްގެ ހަތިޔާރުއެޅި ގޮފި، ޢިއްޒުއްދީނުލް ޤައްސާމް ބްރިގޭޑުން ބުނީ، ޣައްޒާ ސިޓީއަށް ވަންނަ ޔަހޫދީ ހަނގުރާމަވެރީންގެ އިންތިޒާރުގައި ހަމާސްގެ މުޖާހިދުން ތައްޔާރަށް ތިބި ކަމަށާއި، ޣައްޒާތެރެއަށް ވަންނަ ޔަހޫދީ ފައުޖުތައް އެއްކޮށް މަރައި ހުސްކުރާނޭ ކަމަށެވެ. 

އެގޮތުން ހަމާސްގެ ތަރުޖަމާނު ޢަބޫ ޢުބައިދާ ވިދާޅުވެފައި ވަނީ، ޣައްޒާއަކީ ޔަހޫދީންގެ މުޅި ތާރީޚުގައި ވެސް ކުރިމަތިވާނޭ އެންމެ ބޮޑު ލަޢުނަތަށް ވެގެންދާނޭ ކަމަށެވެ. 

އެމެރިކާގެ ފުރިހަމަ ތާއީދާއި އެހީތެރިކަމާއެކު އިޒްރޭލުގެ ޓެރަރިސްޓުން އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުން ގެންދާ ލާއިންސާނީ ޢުދުވާނުތަކުގައި މިހާތަނަށް ޣައްޒާގެ ބޮޑުބައެއް ބޮންއަޅައި ބިމާ ހަމަހަމަކޮށްލާފައި ވާއިރު، ޣައްޒާގައި ޝަހީދުވީ މީހުންގެ ޢަދަދު ވަނީ 9000ން މައްޗަށް އަރައިފައެވެ. އޭގެ ތެރޭގައި 3,760 ކުޑަކުދިންނާއި 2,326 އަންހެނުންގެ އިތުރުން އުމުރުން ދުވަސްވީ އެތަކެއް ސަތޭކަ ބަޔަކު ހިމެނެއެވެ.

މީގެ އިތުރުން، ލާއިންސާނީ ހަމަލާތަކުގައި ޒަޚަމްވެފައިވާ ފަލަސްތީނު ރައްޔިތުންގެ ޢަދަދު 32،000އަށްވުރެ މަތީގައި އުޅޭއިރު، ޣައްޒާ ސިޓީގައި މިހާރު ވަނީ، ސީއްޙި ޚިދުމަތް ފޯރުކޮށްދެވޭނޭގޮތް ގާތްގަނޑަކަށް އެކުގައި ހުއްޓޭން ކައިރިވެފައެވެ. އެގޮތު، ޒަޔަނިސްޓު ޓެރަރިސްޓުންގެ ޙަމަލާތަކުގައި ޒަޚަމްވެފައިވާ މީހުންނަށް ފަރުވާ ދެވޭނޭ ގޮތެއް ނެތި، ފެނިގެން ދަނީ، ގިނަ ބަޔަކު ހޮސްޕިޓަލުގެ ތަޅުންމަތީގައި އަތުރާލާފައިވާ ހިތްދަތި މަންޒެރެވެ. 

ޣައްޒާގެ ޤަތުލްޢާންމުތައް އެމެރިކާއިން ނުހުއްޓުވައިފި ނަމަ، ސަރަހައްދީ ބޮޑު ހަނގުރާމައަކާ އިޒްރޭލުން ކުރިމަތިލާން ޖެހޭނޭކަމުގެ އިންޒާރު، ލުބުނާނުގެ ޙިޒްބުﷲ ޖަމާޢަތުންވެސް ވަނީ ދީފައެއެވެ. އަދި އީރާނުންވެސް ވަނީ، އިޒްރޭލުން ޣައްޒާއަށް ނުވަނުމަށާއި، އަދި އެ ސިޓީ ޙިސާރުކުރާތަން ބަލަން ނުތިބޭނޭކަމަށް ބުނެފައެވެ.