އިޒްރޭލުގެ ޓެރަރިސްޓު ފައުޖުތަކުން ބަރުހަތިޔާރާއެކު، ފަލަސްތީނުގެ ޣައްޒާ ވަށާލައި، އެއްގަމު މަގުން ޣައްޒާގެ ތެރެއަށް ވަދެގަތުމަށް ތައްޔާރުވެފައިކަމަށް ޒަޔަނިސްޓް އަސްކަރިއްޔާއިން ބުނެފިއެވެ. 

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުގެ ޓެރަރިސްޓުން ޣައްޒާއަށް ދެމުން ގެންދާ ލާއިންސާނީ ޢުދުވާނުތަކުގައި މިހާތަނަށް ޣައްޒާގެ ބޮޑުބައެއް ބޮންއަޅައި ބިމާ ހަމަހަމަކޮށްލާފައި ވާއިރު، ޣައްޒާގައި ޝަހީދުވީ މީހުންގެ ޢަދަދު ވަނީ 9000ން މައްޗަށް އަރައިފައެވެ. އޭގެ ތެރޭގައި 3,760 ކުޑަކުދިންނާއި 2,326 އަންހެނުންގެ އިތުރުން އުމުރުން ދުވަސްވީ އެތަކެއް ސަތޭކަ ބަޔަކު ހިމެނެއެވެ.

މީގެ އިތުރުން، ލާއިންސާނީ ހަމަލާތަކުގައި ޒަޚަމްވެފައިވާ ފަލަސްތީނު ރައްޔިތުންގެ ޢަދަދު 32،000އަށްވުރެ މަތީގައި އުޅޭއިރު، ޣައްޒާ ސިޓީގައި މިހާރު ވަނީ، ސީއްޙި ޚިދުމަތް ފޯރުކޮށްދެވޭނޭގޮތް ގާތްގަނޑަކަށް އެކުގައި ހުއްޓޭން ކައިރިވެފައެވެ. އެގޮތު، ޒަޔަނިސްޓު ޓެރަރިސްޓުންގެ ޙަމަލާތަކުގައި ޒަޚަމްވެފައިވާ މީހުންނަށް ފަރުވާ ދެވޭނޭ ގޮތެއް ނެތި، ފެނިގެން ދަނީ، ގިނަ ބަޔަކު ހޮސްޕިޓަލުގެ ތަޅުންމަތީގައި އަތުރާލާފައިވާ ހިތްދަތި މަންޒެރެވެ. 

އިޒްރޭލުން ޣައްޒާ ވަށާލާފައިވާ ކަމަށް ބުނުމާއެކު، ފަލަސްޠީނުގެ މުޖާހިދުންގެ ޖަމާޢަތް، "ހަމާސް"އިން ވަނީ، ވަރުގަދަ އިންޒާރެއް ދީފައެވެ. އަދި މުޖާހިދުންގެ ލަޝްކަރު އޮތީ، ޔަހޫދީ ޓެރަރިސްޓުންގެ އިންތިޒާރުގައި ކަމަށާއި، ޣައްޒާއަކީ ޔަހޫދީންގެ މުޅި ތާރީޚުގައި ވެސް ކުރިމަތިވާނޭ އެންމެ ބޮޑު ލަޢުނަތަށް ވެގެންދާނޭ ކަމަށް، ހަމާސްގެ ތަރުޖަމާނު އަބޫ ޢުބައިދާ ވަނީ ވިދާޅުވެފައެވެ.