އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަލަށް އުފެދޭ ސަރުކާރުގެ ކޯލިޝަން ޕާޓުނަރުންކަމަށްވާ ޕީޕީއެމްއާއި ޕީއެންސީ އެކުގައި ވާދަކުރާން ހަމަޖެހިފައި ވާއިރު، އެ އިއްތިހާދުން މަޖިލީސް އިންތިޚާބަށް ނެރޭނޭ ކެންޑިޑޭޓުން ކަނޑައަޅަން ބާއްވާ ޕްރައިމަރީ ވާދަކުރުމުގެ ފުރުޞަތު އަންނަ އަހަރުގެ ޖެނުއަރީ 20ގައި ހުޅުވައިލާން ހަމަޖައްސައި އެކަން އިއުލާނުކޮށްފިއެވެ. 

ޕްރޮގްރެެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ، މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު އަަންނަ މަހުގެ 20 އިން 31 އަށް ހުޅުވައިލާން ހަމަޖެހިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީއިން ވާދަކުރުމަށް ކެންޑިޑޭޓުން ނެރޭނީ ދެ ޕާޓީ އެކުގައި އެއް ކޯލިޝަނަކުން ކަމަށެވެ. 

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ފޯރި ގަދަވާނެކަމަށް ބެލެވޭއިރު، 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިތުރު 6 ދާއިރާއެއްވެސް މިހާރު ވަނީ ހިމަނައި އެކަން އިއުލާނުކޮށްފައެވެ. އެހެންކަމުން މިހާރު މަޖިލީހުގައި ހުރި 87 ގޮނޑިއާއެކު އަންނަ އަހަރުގެ އިންތިޚާބުގައި ޖުމުލަ 93 ގޮނޑި ހުންނާނެއެވެ.

ނިމިގެންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، މިހާރު އޮތް ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީއަށް ސުޕަރ މެޖޯރިޓީއެއް ރައްޔިތުން ދިން ކަމުގައިވީ ނަމަވެސް، މަޖިލީހުން ފެނިގެންދިޔަ، ނާގާބިލުކަމާއި، ޒިންމާދާރުކަން ކުޑަކަމާއި، އަދި އަމިއްލަ އެދުމުގައި ރައްޔިތުންގެ ޙައްގުތައް ނިގުޅައިގަތުން ފަދަ އެތައް ކަމެއް، ފެނިގެން ގޮސްފައި ވާތީ ކުރިއަށް އޮތް އިންތިޚާބުގައި އެފަދަ ސުޕަރ މެޖޯރިޓީއެއް ރައްޔިތުން ނުދޭނޭކަމަށް ގިނަ ބަޔަކު ބުނެއެވެ. 

މަޖިލީސް އިންތިޚާބަށް 61 މިލިއަން ރުފިޔާގެ ބަޖެޓެއް ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓަށް ހިމަނާފައި ވާއިރު، އިންތިޚާބު ބޭއްވޭނޭކަމަށް އިލެކްޝަންސް ކޮމިޝަނުން ލަފާކުރަނީ ކުރިއަށް އޮތް ރޯދަމަހުގެ ތެރޭގައި ކަމަށެވެ.