ވެރިކަމުގެ ބާރުތައް ބަދަލުކުރުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި، ސަރުކާރާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރިއަށްގެންދާ ބައެއް މަސައްކަތްތައް ހުއްޓާލުމަށް އަންގަނީ، އެފަދަ ކަމެއްގެ ސަބަބުން، ދައުލަތަށާއި އަދި ރައްޔިތުންނަށްވެސް އިއާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިދާނޭކަމަށް ބެލެވޭ ކަންކަން ކަމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފިއެވެ. 

ވަކި ކަންތައްތަކެއް ނުކުރުމަށް އިލްތިމާސްކޮށް ސަރުކާރުގެ ބައެއް ކުންފުނިތަކަށް އޭސީން ދަނީ، އެންގުންތަކެއް އަންގަމުންނެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން މަދުކުރުމުގެ ގޮތުން ކަމަށް ބުނެ ސަރުކާރުގެ އިދާރާތަކާއި އޮފީސްތަކާއި މުއައްސަސާތަކާއި ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަކި ގޮތަކަށް އަމަލުތައް ބެހެއްޓުމަށް ވެސް އޭސީސީން ދަނީ އިލްތިމާސްކުރަމުންނެވެ. 

އޭސީސީން ނެރުނު ބަޔާނެއްގައި ވަނީ، މިދުވަސްވަރު ދައުލަތުގެ ބައެއް އިދާރާތަކުންނާއި، ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރިއަށްގެންދާ ބައެއް މަސައްކަތްތައް އެ ކޮމިޝަނުން ހުއްޓުވަނީ އެކަންކަމާ ގުޅިގެން ހުށަހެޅޭ މައްސަލަތަކާގުޅޭ ތަޙުޤީހުތައް ކުރިއަށްގެންދާތީކަމަށެވެ.

އެފަދަކަންކަން ހުއްޓުވަނީ އެހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ތުހުމަތުތަކަށް ބަލާއިރު، އެކަންކަން ނުހުއްޓުވައިފިނަމަ އެކަންކަމުގެ ސަބަބުން ދައުލަތާއި ރައްޔިތުންނަށް އިއާދަ ނުކުރެވޭފަދަ ގެއްލުން ލިބިދާނެކަމުގެ އިހުތިމާލު އޮންނާތީކަމަށް އޭސީސީން ވަނީ ބުނެފައެވެ. 

އޭސީސީން ބުނީ، ވަކިކަމެއް ވަގުތީގޮތުން ހުއްޓައިލާން އެންގި ނަމަވެސް، އެފަދަ އިދާރާތަކުން އާންމު ރައްޔިތުންނަށް ދެމުންގެންދާ އަސާސީ ޚިދުމަތެއް ނުވަތަ އެތަނެއްގެ އިދާރީ ހިންގުންފަދަ އެއްވެސް ކަމެއް ހުއްޓާލުމަށް އެ ކޮމިޝަނުން އަންގާފައި ނުވާނެކަމަށެވެ.