އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް 61 މިލިއަން ރުފިޔާގެ ބަޖެޓެއް، އަންނަ އަހަރަށް ކަނޑައަޅާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ. 

އަންނަ އަހަރު ދައުލަތުގެ ބަޖެޓުގައި 61 މިލިއަން ރުފިޔާ، ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ އިންތިޚާބަށް ޚާއްސަކޮށްފައި ވާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންތައް ބޭއްވުމަށް 1.5 ރުފިޔާއާއެކު އިލެކްޝަންސް ކޮމިޝަނުގެ ޖުމުލަ ބަޖެޓް 1.15 ބިލިއަން ރުފިޔާއަށް އަރައެވެ. 

2019 ވަނަ އަހަރު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކަނޑައެޅީ 59 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިފަހަރު ބަޖެޓް ބޮޑުވެފައި ވަނީ، ކުރީން އޮތް 87 ދާއިރާއަށް އިތުރު 6 ދާއިރާއެއް ހިމަނައި، ޖުމުލަ 93 ދާއިރާއަށް މަޖިލިސް ބޮޑުވުމުންނެވެ. 

އަލަށް އިތުރުވި ދާއިރާތަކުގެ ތެރޭގައި ހިމެނެނނީ، ހުޅުމާލެ މެދު ދާއިރާ، ހުޅުމާލެ އުތުރު ދާއިރާ، ފޭދޫ އުތުރު ދާއިރާ، ހިތާދޫ ދާއިރާ، ހުރާ ދާއިރާ، ކޮލަމާފުށި ދާއިރާއެވެ.

އިތުރުވި ދާއިރާތަކާއެކު މަޖިލީހުގައި ކުރީން ހުރި ބައެއް ދާއިރާތަކަށްވެސް ވަނީކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އޭދަފުށި، ވިލިނގިލި އަދި މީދޫ ދާއިރާގައި އޮންނާނީ އެ ދާއިރާއަށް ނިސްބަތްވާ ރަށް އެކަނިކަމަށް އީސީން ވަނީ ކަނޑައަޅައިފައެވެ. އަދި ބައެއް އިންތިޚާބީ ދާއިރާތަކުގެ ނަމަށްވެސް ބަދަލު ގެނެސްފައި ވެއެވެ. އޭގެ ތެރޭގައި ހުޅުމާލެ ދާއިރާގެ ނަން، ހުޅުމާލެ ދެކުނުދާއިރާއަށް، ގުރައިދޫ ދާއިރާގެ ނަން މާފުށި ދާއިރާއަށް، ތ. ގުރައިދޫ ދާއިރާގެ ނަން ގުރައިދޫ ދާއިރާ އަދި ފޭދޫ ދާއިރާގެ ނަން ފޭދޫ ދެކުނު ދާއިރާގެ ނަމަށް ބަދަލުވުން ހިމެނެއެވެ.

އީސީން ދާއިރާ ތަކަށް ބަދަލުގެނެސް، މާލޭއަށް އިތުރު ދެ ދާއިރާ ކަނޑައެޅި ނަމަވެސް، އަދިވެސް ދިވެހި ރައްޔިތުންގެ ތެރޭން އެތަކެއް ހާސް ރައްޔިތުންނަށް މަޖިލީހުގައި ތަމްޘީލުވުމުގެ ޙައްޤު އެ ކޮމިޝަނުން ވަނީ ނިގުޅައިގެންފައިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މާލޭ ރައްވެހީންގެ ތެރޭގައި ހިމެނޭ، ދަފްތަރު ރ.ސ ކެޓަގަރީއަކީ އެއިރެއްގައި އީސީން ބޭނުންވާ ގޮތަކަށް އަތުރާލާ ކުޅިބައެއްހެން އޮންނަ އޮތުމަށް ބަދަލެއް ގެންނާން، އެ ކޮމިޝަންގެ މެންބަރުންގެ ވިސްނުމުގައި ކުޑަކޮށްވެސް ނެތްކަން ފާހަގަކޮށްލެވެއެވެ.