އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވާ ޒަޔަނިސްޓް އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ކުށްވެރިކޮށް، ލެޓިން އެމެރިކާގެ ގައުމެއްކަމަށްވާ ބޮލީވިއާއިން އިޒްރޭލާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފިއެވެ.

ބޮލީވިއާއިން ވަނީ މީގެ ކުރީން 2009 ވަނަ އަހަރުވެސް، އިޒްރޭލުގެ އަނިޔާވެރިކަން ކުށްވެރިކޮށް، އެގައުމާއެކު އޮތް ޚާރިޖީގުޅުން ކަނޑާލައިފައެވެ. އެ ގުޅުން އަލުން ގާއިމުކުރީ، ރައީސް ޖެނީން އަނޭޒްގެ ވެރިކަމުގައި 2020 ވަނަ އަހަރުއެވެ. 

އިޒްރޭލާއެކު އޮތް ޚާރިޖީގުޅުން ކަނޑާލިކަން އިއުލާނުކުރަމުން، ބޮލީވިއާގެ ޚާރިޖީ ވުޒާރާގެ ނާއިބު، ފްރެޑީ މަމަނީއާއި، މިނިސްޓަރ އޮފް ޕްރެޒިޑެންސީ މާރިއާ ނެލާ ވަނީ، ދުނިޔޭގެ ރައްޔިތުން ދެވަނަ ހިޓްލަރުގެ ގޮތުގައި ސިފަކުރާ، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަނިޔާވެރި ޓެރަރިސްޓް އަސްކަރިއްޔާއިން ޣައްޒާގެ އާންމުންނަށް ދެމުންގެންދާ ލާއިންސާނީ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފައެވެ. 

ބޮލީވިއާއިން އިސްރާއީލާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލިއިރު، ލެޓިން އެމެރިކާގެ އިތުރު ދެ ގައުމު ކަމަށްވާ، ކޮލަމްބިއާ އާއި ޗިލީންވެސް ވަނީ އިޒްރޭލުގެ ވެރިރަށް ތެލް އަވީވްގައި ތިބި އެގައުމުތަކުގެ ސަފީރުން އަނބުރާ ޤައުމަށް ދިއުމަށް ގޮވާލާފައެވެ.

ބޮލީވިއާގެ މި ނިންމުމަށް ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތް "ހަމާސް"އިން ވަނީ، މަރުހަބާ ކިޔައިފައެވެ. އަދި ހަމާސްއިން ވަނީ، ޢަރަބި އިސްލާމީ ހުރިހާ ގައުމަކުން އިޒްރޭލާ ގުޅުން ކަނޑާލުމަށް ގޮވާލައިފައެވެ.