ޢިމާރާތްކުރުމުގެ ދާއިރާއަށް ޚާއްސަ ވުޒާރާއެއް އުފައްދަވާނޭކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ން ބޭއްވި ރަސްމިއްޔާތެއްގައި ޑރ. މުޢިއްޒު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުންވެސް ޢިމާރާތްކުރުމުގެ ސިނާއަތް ކުރިއަރުވާން މަސައްކަތްކޮށްފައި ވާ ކަމަށާއި، ނަމަވެސް، އެ ސިނާއަތަށް އެންމެ އެދެވޭ ބާރުމިނުގައި ކުރިއަރައިގެން ނުދެވި އޮތީ، އަބަދުވެސް ކޮންމެވެސް ވުޒާރާއެއްގެ މަސައްކަތުގެ ބައެއްގެ ގޮތުގައި އޮންނާތީ ކަމަށެވެ. 

"ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަބަދުވެސް ކޮންމެވެސް ވުޒާރާއެއްގެ ތެރެއަށް ލެބިފައި ފޮރުވިފައިކަހަލަގޮތަށްވެސް އޮވޭ. އެހެންނަމަވެސް ކޮންސްޓްރަކްޝަން ދާއިރާ ކުރިއަށް ނެރެ، ކޮންސްޓްރަކްޝަން ދާއިރާއަކީވެސް ނަމުގައި ޝާމިލުވާ ވުޒާރާއެއް ޤާއިމުކުރާނަން." ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޢިމާރާތްކުރުމުގެ ދާއިރާއަށް ވަކިން ޚާއްޞަ ވުޒާރާއެއް އުފެދުމުން އެ ސިނާއަތުގެ ކަންކަމަށް ވަކިން ބޮޑު އިސްކަމެއް ދެވޭނެ ކަމަށާއި އަދި އެދާއިރާއަށް ބޭނުންވާ ބޭރުގެ އެހީތެރިކަން ހޯދުމުގައިވެސް ފަސޭހަތަކެއް ލިބިގެންދާނެކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.