އިޒްރޭލުން ފަލަސްޠީނުގެ ބިންތައް އަޅުވެތިކޮށްގެން އެތަނުގެ މައުޞޫމު ޢާންމު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަށް ކުށްވެރިކޮށް، އަދި ހަނގުރާމަ ހުއްޓުވައި ދިނުމަށް އެދި އދ.އަށް ގޮވާލައި، ޢަރަބި 9 ގައުމަކުން ގުޅިފައިވާ ބަޔާނެއް ނެރެފިއެވެ. 

ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޖޯޑަން، ބަހްރެއިން، ސައުދީ އަރަބިއްޔާ، އޮމާން، ގަތަރު، ކުވައިތު، މިސްރު އަދި މޮރޮކޯ ގުޅިގެން ނެރެފައިވާ ބަޔާނުގައި ވަނީ، ޣައްޒާގެ އާންމުން ޝަޙީދުކޮށް، ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކާ ހިލާފުވުން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ވަގުތުން ހަނގުރާމަ ހުއްޓުވުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ގޮވާލާފައިވެއެވެ.

އަރަބި ގައުމުތަކުން ބުނެފައި ވަނީ، އަމިއްލަ ދިފާއުގައި ކަމަށްބުނެ، ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުވުމަކީ ހުއްޖަތެއް ނޫންކަމަށާއި، އަދި ފަލަސްތީނުގެ ރައްޔިތުންގެ ޝަރުއީ ހައްގުތަކަށް އެގޮތަށް ގަސްތުގައި އަރައިގަތުން ބަލައި ނުގަނެވޭނޭ ކަމަށެވެ. 

ޣައްޒާގެ ރައްޔިތުންނަށް އެމީހުންގެ ގެދޮރު ދޫކޮށްލުމަށް މަޖުބޫރުކޮށް، އަދި ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމައެއްގައި މުޅި ޣައްޒާގެ ހުރިހާ ރައްޔިތުން ޝާމިލުވާގޮތަށް ހިންގާ ލާއިންސާނީ ޢަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައި ވެއެވެ. 

އޮކްޓޫބަރ 7 ވަނަ ދުވަހު ޙަމާސްގެ މުޖާހިދުންގެ ލަޝްކަރު، ޤައްސާމް ބްރިގޭޑުން އިޒްރޭލު ސިއްސުވާލައި ދިން ކުއްލި ހަމަލާގައި 1400އެއްހާ މީހުން މަރާލައި، 200އަށް ވުރެ ގިނަމީހުން ރަހީނު ކުރި ހާދިސާއަށް ރައްދުދިނުމުގެ ނަމުގައި އިޒްރޭލުން މިހާރު ޣައްޒާއާއި ހުޅަނގު އައްސޭރީގައި ކުރިއަށްގެންދާ ޤަތުލުއާންމުގައި މިހާތަނަށް 7000އަށް ވުރެ ގިނަމީހުން ޝަހީދުކޮށްލާފައި ވާއިރު، އޭގެ ތެރޭގައި 3000އާ ގާތްކުރާ ޢަދަދެއްގެ ކުޑަކުދީންނާއި، 1700އަށްވުރެ ގިނަ އަންހެނުންނާއި، 400އާ ގާތްކުރާ ޢަދަދެއްގެ ޢުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. 

އިޒްރޭލުން ފަލަސްޠީނުގެ ބިންތައް އަޅުވެތިކުރުމަށް ހިންގާ ނަސްލު ނައްތާލުމުގެ އަނިޔާވެރި ޖަރީމާއަށް 3 ހަފްތާ ވެގެން ދިޔައިރު ބައިނަލްއަގްވާމީ ބޮޑެތި ބާރުތަކާއި، ފަލަސްޠީނުގެ ވަށައިގެންވާ ޢަރަބި ގައުމުތައްވެސް ތިބީ އިޒްރޭލާ ދެކޮޅަށް ތެދުވާން ނުކުޅެދިފައެވެ.