އެފްއޭއެމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ހިންގާ ތަހުގީގުތަކަށް ފުރިހަމައަށް އެއްބާރުލުން ދޭނޭ ކަމަށާއި، ނަމަވެސް ހާލަތުގެ ބޭނުންހިފައި، ޒާތީ ބޭނުމަށް ކުރާ ކަންތައްތަކަށް ކުޅިވަރުގެ ރޫހުގައި ރައްދުނުދީ ނުތިބޭނޭ ކަމަށް ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް)އިން ބުނެފިއެވެ. 

އެފްއޭއެމުން މިހެން ބުނެފައި މިވަނީ، އެ އިދާރާގެ އިސްވެރީންނާއި، ބައެއް މުވައްޒަފުން އެ އިދާރާއަށް ލިބޭ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަކަށް ތުހުމަތުކޮށް، ޕީޖީއަންގަވައިގެން ފުލުހުން އެފްއޭއެމްގެ އިދާރާއަށް ވަދެ ކުރިއަށް ގެންދާން ފަށައިފައިވާ ތަހުގީގާ ގުޅިގެން ނެރުނު ނޫސް ބަޔާނެސްގައެވެ.

އެފްއޭއެމުން ބުނީ، "އެފްއޭއެމްގެ މައްޗަށް ކުރެވޭ އެންމެހައި ތުހުމަތުތަކާ ގުޅިގެން ކުރެވެމުންދާ ތަހުގީގަށް މި އިދާރާއިން ދެވެން އޮތް މިންވަރަކުން ދެވެނެއޮތް އެންމެ ބޮޑަށް އެހީތެރިކަން އެފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް ފޯރުކޮށްދޭނޭ ކަމުގެ ޔަގީންކަން މި އިދާރާގެ ފަރާތުން އަރުވަން" ކަމަށެވެ. 

"އެހެންނަމަވެސް ސާބިތު ނުހިފޭ، އަމިއްލަ މަސްލަހަތާއި ޒާތީ ބޭނުމަށް، ހާލަތުގެ ފައިދާ ނެގުމުގެ ބޭނުމުގައި އެއްވެސް ފަރާތަކުން އެއްވެސް ޒާތެއްގައި ކުރިމަތިކުރުވާ އެއްވެސް އަމަލަކަށް، ކުޅިވަރުގެ އެންމެ މަތީ މަގުސަފު ހިމާޔަތްކުރުމަށް ކުޅިވަރުގެ ރޫޙުގައި މި އިދާރާއިން ރައްދު ނުނީ ނުތިބޭނެވާކަވެސް ދަންނަވެމެވެ." - އެފްއޭއެމް

މީގެ އިތުރުން އެ އިދާރާގެ ގިނަ ޢަދަދެއްގެ ލިޔެކިޔުމާއި، މަސައްކަތުގެ މާހައުލުގައި ކޮންމެހެން ބޭނުންކުރާންޖެހޭ އެތަކެއް އާލާތްތަކެއް ފުލުހުންގެ ތަހުގީގަށް އެފަރާތުގެ ބެލުމުގެ ދަށަށް ގެންދެވިފައި ވުމުގެ ސަބަބުން، އެފްއޭއެމްގައި ދުވަހުން ދުވަހަށް ކުރާންޖެގޭ މަސައްކަތްތަކަށް ބުރޫއަރައި އެ އިދާރާ ހުއްޓުމަކަށް އައިސްފައިވާކަމަށްވެސް އެ ބަޔާނުގައިވެއެވެ. 

"މި ހާލަތުގައި ފުޓްބޯޅަ ލީގާއި، ރޭވިފައި ހުރި އެނޫންވެސް އެހެނިހެން މުބާރާތްތައް ކުރިއަށް ގެންދިއުމަކީ ކުރެވޭނޭ ކަމެއް ނޫންކަމުގައި ހިތާމަޔާއެކު ފާހަގަކުރަމެވެ." 

އެފްއޭއެމުން ބުނީ، "މިވަގުތުގައި އެފްއޭއެމްގެ އެންމެ އިސް މަސްއޫލިއްޔަތެއް ކަމުގައި ދެކެނީ ތަޙުޤީޤީ އިދާރާތަކަށް އެންމެ ފުރިހަމައަށް އެއްބާރުލުން ދިނުން" ކަމަށާއި، ތަހުގީގުގެ މަރުހަލާ އަވަސްކޮށްދޭން އެދޭކަމަށެވެ. 

ރާއްޖޭން ބޭރުގެ އެއްވެސް ޖަމިއްޔާއަކުން އެހީގެ ގޮތުގައި ލިބިފައިވާ އެއްވެސް ފައިސާއަކަށް އެ އިދާރާގެ ވެރިޔަކުވިޔަސް، މުވައްޒަފަކު ވިޔަސް އަދި މެންބަރެއްވެސް ޚިޔާނާތްތެރިވެފައި ނުވާނޭކަމަށް ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމްއިން ވަނީ ދިވެހި ރައްޔިތުންނާއި ފުޓްބޯޅައާއިލާއަށް ޔަގީންކަން އަރުވައިފައެވެ. 

ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެފްއޭއެމާއި ދިވެހި ސަރުކާރާ ގުޅުން ހީނަރުވެ، ރާއްޖޭގެ ފުޓްބޯޅައަށް ވަނީ ފޫނުބެއްދޭވަރުގެ ހީނަރުކަމެއް އައިސްފައެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެތެރޭގައި މައްސަލަތައް ބޮޑުވެ،  ބޮޑެތި ދަރަނިތަކެއް އެ އިދާރާގެ ކޮނޑުގައި އެޅި ބަނގުރޫޓުވުމާ ގާތްވެފައިވާއިރު، ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކުން ދަނީ، އެފްއޭއެމް ސަލާމަތްކުރުމަށް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލު އިސްތިއުފާ ދެއްވައި، ވަގުތުން އިންތިޚާބެއް ބޭއްވުމަށްވެސް ގޮވައިލަމުންނެވެ. އަދި ފުޓްބޯޅަ އާއިލާތެރޭން ބަޔަކު ދަނީ ސޭވްއެފްއޭއެމްގެ ނަމުގައި، އެފްއޭއެމްގެ މިހާރުގެ މެނޭޖްމަންޓާ ދެކޮޅަށް ބޮޑު ކެމްޕޭނެއްވެސް ހިންގަމުންނެވެ. 

މިދިޔަ އާދީއްތަ ދުވަހު (22 އޮކްޓޫބަރ 2023) ހެނދުނު މާފަންނު ސްޓޭޑިއަމްކައިރީގައި ހުންނަ އެފްއޭއެމްގެ އިދާރާއަށް ފުލުހުން ވަދެފައި ވަނީ ކޯޓުއަމުރެއްގެ ދަށުންނެވެ. 

އެފްއޭއެމަށް ފުލުހުން ވަދެފައި ވަނީ، "ޕީޖީ އޮފީހުން އަންގައިގެން، ފުލުހުން ހިންގަމުންދާ އެފްއޭއެމްގެ މާލީ މުޢާމަލާތްތަކާ ގުޅޭ ޖިނާޢީ ތަހުގީގަކަށް ބޭނުންވާ ހެކި ހޯދުމަށް،" ކަމަށް ފުލުހުން ވަނީ ބުނެފައެވެ.