ރާއްޖޭން ބޭރުގެ އެއްވެސް ޖަމިއްޔާއަކުން އެހީގެ ގޮތުގައި ލިބިފައިވާ އެއްވެސް ފައިސާއަކަށް އެ އިދާރާގެ ވެރިޔަކުވިޔަސް، މުވައްޒަފަކު ވިޔަސް އަދި މެންބަރެއްވެސް ޚިޔާނާތްތެރިވެފައި ނުވާނޭކަމަށް ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމްއިން ބުނެއެވެ.
އެފްއޭއެމްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ޕްރޮސެިކިއުޓަރ ޖެނެރަލް ކުރެއްވި އަމުރަކާ ގުޅިގެން، 22 އޮކްޓޫބަރު 2023 ވަނަ ދުވަހު ހެނދުނު ދިވެހި ފުލުހުން އެފްއޭއެމްގެ މައި އިދާރާ ބަލައި ފާސްކޮށް، އެތަނުގެ ގިނަ ޢަދަދެއްގެ ލިޔެކިޔުމާއި ސާވަރ ބެކަޕްތަކާއި އަދި ހާރޑްޑިސްކުފަދަ ތަކެތި ގެންގޮސްފައިވާ ކަމަށެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަސް އެ އެސޯސިއޭޝަންގެ އިސްވެރީން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ ޢަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އެއްވެސް ހިސާބެއްގައި، މަނީލޯންޑަރިންއާއި، ވައްކަމާއި، ޚިޔާނާތާއި، މަކަރާއި ޙީލަތުގެ ނުވަތަ އެނޫންވެސް ޖިނާޢީ ކުށެއްގެ މައްސަލައެއް ހިނގަމުން ދާނަމަ، އެކަމެއް ތަޙުޤީޤުކޮށްދެއްވައި، އެ މައްސަލައިގައި ދައުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ.
އެފްއޭއެމުން ބުނީ، ފުލުހުން ހިންގާ ތަހުގީގަށް އެއިދާރާއިން ފުރިހަމައަށް އެއްބާރުލުން ދޭނޭ ކަމަށާއި، މި މައްސަލަ މިހާރު ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)އާއި ސަރަހައްދީ ފުޓްބޯޅައިގެ އިދާރާ (އޭއެފްސީ)ގެ ސަމާލުކަމަށްވެސް ގެނެސްފައިވާކަމަށެވެ. އަދި ތަހުގީގު ނިންމައި އަވަހަށް އިދާރާގެ މަސައްކަތްކުރެވޭނޭގޮތް ހަދައިދިނުމަށް އެދޭ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފީފާއާ އޭއެފްސީން ފޮނުވާފައިވާ، ޖޮއިންޓް ސިޓީގައި ފާހަގަކޮށްފައިވާ ގޮތުން، ޖިނާޢީ ޢަދުލުގެ ނިޒާމްގެ ތެރޭން ސަރުކާރަށާއި އަދި ތަންފީޒީ އިދާރާތަކަށް އެފްއޭއެމް ބަލައިފާސްކުރުމުގެ އިހްތިޞާސް އޮތްކަން ޤަބޫލުކުރި ނަމަވެސް، އެފަދަކަމެއް ކުރާން ވާނީ، ގާނޫނީ މަގުޞަދެއްގައި ޤާނޫނީ އިމުގެ ތެރޭންކަން އެ ދެއިދާރާއިން ބުނެފައިވާ ކަމަށް އެފްއޭއެމުން ބުނެފައި ވެއެވެ.
ފީފާއާ އޭއެފްސީއާ ހަވާލާދީ، އެފްއޭއެމުން ބުނީ، ފީފާގެ ފޯވަޑް ޑިވެލޮޕްމަންޓް ޕްލޭނާއި، އޭއެފްސީގެ އެންހޭންސް މެންބަރ އެސޯސިއޭޝަން ޕްލޭންގެ ދަށުން ދޫކުރެވޭ އެންމެހައި ފައިސާއަކީ، ފީފާގެ ފޯވަޑް ޑިވެލޮޕްމަންޓް ޕްލޭގެ ޤަވާޢިދުގެ 13 ވަނަ މާއްދާއާއި އޭއެފްސީގެ އެންހޭންސް މެންބަރ އެސޯސިއޭޝަން ޕްލޭންގެ ޤަވާއިދުގެ 18 ވަނަ މާއްދާގެ ދަށުން ދެފުށް ފެންނަ ޓްރޭސްކުރެވޭ މިންގަޑެއްގެ ތެރޭގައި ބޭނުންކުރެވޭ ފައިސާކަން ކަށަވަރުކުރުމަށް ކޮންމެ އަހަރަކު އޮޑިޓް ކުރެވޭ އެހީތަކެއްކަން ފާހަގަކޮށްފައިވާ ކަމަށެވެ.
"ވުމާއެކު ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އަރުވާ ޔަގީންކަމަކީ، ރާއްޖޭން ބޭރުގެ އެއްވެސް ޖަމިއްޔާ ޖަމާއަތަކުން އެފްއޭއެމްއަށް ލިބިފައިވާ އެއްވެސް ފައިސާއަކަށް މި އިދާރާގެ އެއްވެސް ވެރިޔަކުވެސް މުވައްޒަފަކުވެސް އަދި މެންބަރަކުވެސް ޚިޔާނާތްތެރިވެފައި ނުވާނޭކަމުގެ ޔަޤީންކަމެވެ." އެފްއޭއެމްގެ ބަޔާނުގައި ވެއެވެ.
"މިފަދަ އެހީތަކަކީ، އެދެއްވާ ފަރާތްތަކުން ކޮންމެ އަހަރަކު އޮޑިޓްކުރާ، އެހީގެ ގޮތުގައި ދެއްވާ އެންމެހައި ފައިސާއެއްގެ ފުރިހަމަ ތަފްސީލް އެ ފަރާތްތަކުން ބައްލަވާ އެހީތަކެއްކަން ފާހަގަކުރަމެވެ. އަދި މި ތަފްސީލުތަކަކީ އާންމުކުރެވޭ މައުލޫމާތުތަކެއްކަންވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ."
އެފްއޭއެމުން ބުނީ، ފުލުހުންގެ ތަހުގީގާއެކު ފުޓްބޯޅައިގެ ޚަރަކާތްތައް ހުއްޓިފައިވާ މި ދަނޑިވަޅުގައި، އެއިދާރާއިން މަސައްކަތްކުރާނީ ތަހުގީގީ އިދާރާތަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުންދީ، އެއިދާރާތަކުން ތަހުގީގު އަވަހަށް ނިންމުމަށްކަމަށެވެ. އަދި ތަހުގީގު އަވަސްކުރުމަށް ފީފާއާއި އޭއެފްސީގެ ލަފާގެ މަތީން ރާއްޖޭގެ އިދާރާތަކާ ގުޅިގެން ކުރާންޖެހޭ އެންމެހައި ކަންކަން ކުރަމުންގެންދާނޭ ކަމަށެވެ.
ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެފްއޭއެމާއި ދިވެހި ސަރުކާރާ ގުޅުން ހީނަރުވެ، ރާއްޖޭގެ ފުޓްބޯޅައަށް ވަނީ ފޫނުބެއްދޭވަރުގެ ހީނަރުކަމެއް އައިސްފައެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެތެރޭގައި މައްސަލަތައް ބޮޑުވެ، ބޮޑެތި ދަރަނިތަކެއް އެ އިދާރާގެ ކޮނޑުގައި އެޅި ބަނގުރޫޓުވުމާ ގާތްވެފައިވާއިރު، ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކުން ދަނީ، އެފްއޭއެމް ސަލާމަތްކުރުމަށް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލު އިސްތިއުފާ ދެއްވައި، ވަގުތުން އިންތިޚާބެއް ބޭއްވުމަށްވެސް ގޮވައިލަމުންނެވެ. އަދި ބައްސާމާއި، އެފްއޭއެމްގެ އިދާރީ އިސްފަރާތްތަކުގެ މައްޗަށް ދަނީ ބޮޑެތި ތުހުމަތުތަކެއްވެސް ކުރަމުންނެވެ.
ތަހްޤީގާ ގުޅޭގޮތުން، މީގެ ކުރީން ބައްސާމާ ސުވާލުކުރުމުން ވިދާޅުވެފައި ވަނީ، ފުލުހުން ކުރިއަށް ގެންދާ ތަހުގީގު ނިމުމުން އޭނާ އެކަމާ ގުޅޭގޮތުން އެއްޗެއް ވިދާޅުވާނޭ ކަމަށެވެ.