ޕްރޮސިކިއުޓަރ ޖެނެރަލް އަމުރުކުރައްވައިގެން، ދިވެހި ފުލުހުންގެ ޚިދުމަތުން ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް)އަށް ވަދެ އެތަނުގެ މާލީ މުޢާމަލާތްތަކާ ގުޅޭ ޖިނާޢީ ތަޙުގީގެއް ފަށައިފިއެވެ. 

ފުލުހުން ބުނީ، އާދީއްތަ ދުވަހު ހެނދުނު މާފަންނު ސްޓޭޑިއަމްކައިރީގައި ހުންނަ އެފްއޭއެމްގެ އިދާރާއަށް ފުލުހުން ވަދެފައި ވަނީ ކޯޓުއަމުރެއްގެ ދަށުން ކަމަށެވެ.

ފުލުހުން އެފްއޭއެމަށް ވަދެފައި ވަނީ، "ޕީޖީ އޮފީހުން އަންގައިގެން، ފުލުހުން ހިންގަމުންދާ އެފްއޭއެމްގެ މާލީ މުޢާމަލާތްތަކާ ގުޅޭ ޖިނާޢީ ތަހުގީގަކަށް ބޭނުންވާ ހެކި ހޯދުމަށް،" ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

ޕީޖީ އޮފީހުން ބުނެފައި ވަނީ، ރާއްޖެއަކީ ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގާތް ގުޅުމެއް ބާއްވާ ގައުމަކަށްވެފައި، އެ އިދާރާތަކުގެ އިތުބާރާއި ޔަގީންކަން ދައުލަތުގެ މުއައްސަސާތަކަށް ލިބިފައި އޮތުމާއި، އެ ކަންކަން އެމަގަށް ހިނގުމަށް ދައުލަތުގެ އިދާރާތަކުގެ ނަޒާހާތްތެރިކަމާއި އިންސާފުވެރިކަން އަބަދުމެ ކަށަވަރުވެފައި އޮތުމަކީ މުޅި ދިވެހި ދައުލަތުގެ ގައުމީ މަސްލަހަތާ ސީދާގޮތުން ގުޅުން ހުރި ކަމެއް ކަމަށެވެ.

އެފްއޭއެމްގެ މައްސަލަ ތަހުގީގުކުރަން ޕީޖީން ފުލުހުންނަށް އަމުރުކުރީ އެކި ފަރާތްތަކުން އެފްއޭއެމަށް ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކަމަށް ޕީޖީންވަނީ ބުނެފައެވެ. އެހެންކަމުން، އެ މުއާމަލާތްތަކުގެ ތެރޭން، އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިންއާއި، ވައްކަމާއި، ޚިޔާނާތާއި، މަކަރާ ހީލަތުގެ ނުވަތަ އެ ނޫންވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާ ނަމަ، އެ ކަމެއް ތަހުގީގުކޮށް، އެ މައްސަލައިގައި ދައުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާކުރަން ފޮނުވުމަށް އަމުރުކޮށްފައިވާނެ ކަމަށްވެސް ޕީޖީން ވަނީ ބުނެފައެވެ.

ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެފްއޭއެމާއި ދިވެހި ސަރުކާރާ ގުޅުން ހީނަރުވެ، ރާއްޖޭގެ ފުޓްބޯޅައަށް ވަނީ ފޫނުބެއްދޭވަރުގެ ހީނަރުކަމެއް އައިސްފައެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެތެރޭގައި މައްސަލަތައް ބޮޑުވެ،  ބޮޑެތި ދަރަނިތަކެއް އެ އިދާރާގެ ކޮނޑުގައި އެޅި ބަނގުރޫޓުވުމާ ގާތްވެފައިވާއިރު، ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކުން ދަނީ، އެފްއޭއެމް ސަލާމަތްކުރުމަށް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލު އިސްތިއުފާ ދެއްވައި، ވަގުތުން އިންތިޚާބެއް ބޭއްވުމަށްވެސް ގޮވައިލަމުންނެވެ. އަދި ބައްސާމާއި، އެފްއޭއެމްގެ އިދާރީ އިސްފަރާތްތަކުގެ މައްޗަށް ދަނީ ބޮޑެތި ތުހުމަތުތަކެއްވެސް ކުރަމުންނެވެ. 

އެފްއޭއެމްގެ އިދާރީ ހިންގުމުގައި މިހާރު ހިނގަމުންދާ ކޯޅުންގަނޑުގެ ތެރޭގައި އެ އިދާރާގެ އިސް ދެފަރާތެއް ދާދިފަހުން ވަނީ އިސްތިއުފާވެސް ދީފައެވެ. އެއީ، އެއީ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ)އާއި ހިންގާ ކޮމިޓީގެ މެންބަރު، އަދި ކުލަބު ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ޚަލީލެވެ.