އެމެރިކާއިން މެދުއިރުމަތީގައި ހިމާޔަތްދީގެން ގެންގުޅޭ ޔަހޫދީ ދައުލަތަށް މަދަދުވެރިކަން ފޯރުކޮށްދިނުމަށް، އެމެރިކާއިން ބަރުހަތިޔާރާއެކު މެދުއިރުމައްޗަށް ޖަމާވާން ފަށައިފިއެވެ. 

މިހާރުވެސް އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރުތައް މެޑިޓަރޭނިއަން ސަރަހައްދަށް ޖަމާކޮށްފައިވާއިރު، އެމެރިކާގެ ދިފާއީ ވަޒީރު، ލޮއިޑް އޮސްޓިން ނެރުނު ބަޔާނެއްގައި ވަނީ، އިޒްރޭލާއި ފަލަސްޠީނުގެ މުޖާހިދުންނާ ދެމެދު މިހާރު ކުރިއަށްދާ ކުރިމަތިލުންތަކުގެ ތެރެއަށް މެދުއިރުމަތީގެ އެހެން ބާރުތަކުން ވަދެ، އިޒްރޭލަށް ނުރައްކާކޮށްފާނޭތީ، އިޒްރޭލްގެ ޙިމާޔަތަށްޓަކައި އެމެރިކާއިން އިތުރު ހަތިޔާރާއި މަދަދު ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. 

އިޒްރޭލުގެ އިތުރުން، މެދު އިރުމަތީގައި ޙަރަކާތްތެރިވާ އެމެރިކާގެ ސިފައިންނަށް ކުރިމަތިވެދާނޭ ނުރައްކަލަކުން ސަލާމަތްކުރުމަށް ކަމަށް ބުނެ އެމެރިކާއިން ވަނީ، އެ ސަރަހައްދުތަކަށް، ޓާމިނަލް ހައި އޮލްޓިޓިއުޑް އޭރިއާ ޑިފެންސް (ތާޑް) ބެޓެރީ ނިޒާމުގެ އިތުރުން، އިތުރު ޕެޓްރިއޮޓް ބެޓޭލިއަންތައް ވެސް ފޮނުވުމަށް ނިންމައިފައެވެ. 

އޭބީސީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އޮސްޓިން ވިދާޅުވީ، އިޒްރޭލް ހިމެނޭ ސަރަހައްދަށް އެމެރިކާގެ ފައުޖުތަކާއި ހަތިޔާރު އިތުރުކޮށްފައި ވަނީ، ހާލަތުގެ ފައިދާނަގައި އިޒްރޭލުން ޣައްޒާގައި ހިންގާ ލާއިންސާނީ އަނުޔާވެރިކަން ހުއްޓުވާން ސަރަހައްދުގެ އެހެން ބާރަކުން ވަދެދާނެތީ އެބަޔަކަށް އިންޒާރުގެ މެސެޖެއް ދިނުމުގެ ގޮތުންކަމަށެވެ. 

މީގެ އިތުރުން، ކުއްލި ހާލަތަކަށް ތައްޔާރީވުމުގެ ގޮތުން މެދުއިރުމައްޗަށް އިތުރު ފައުޖުތައް ފޮނުވުމުގެ ތައްޔާރީތައްވެސް ވެފައިވާ ކަމަށް އޮސްޓިގެންގެ ބަޔާނުގައިވެއެވެ. 

އެމެރިކާގެފައުޖުތައް ފަލަސްޠީނުގެ އައްސޭރިފަށަށް ކައިރިކުރަމުން ދާއިރު، އީރާނުން ވަނީ، އެމެރިކާއިން ހަނގުރާމައިގެ ތެރެއަށް ވަދެއްޖެ ނަމަ، ބަލަން ނުތިބޭނޭ ކަމަށް ބުނެފައެވެ. އަދި އިޒްރޭލުން ޣައްޒާއަށް ވަދެގެންފި ނަމަވެސް، އީރާނުން ހަމާސްއަށް އެހީތެރިވާނޭކަމަށް ބުނެ ވަނީ އިންޒާރު ދީފައެވެ. މީގެ އިތުރުން، ލުބުނާނުގެ ޙިޒްބުﷲއިން މިހާރު ވަނީ، އިޒްރޭލަށް ހަމަލާދޭން ފަށައިފައެވެ. އަދި އިރާގުގައި ވާ އެމެރިކާގެ އަސްކަރީ ބޭހަކަށް މިދިޔަ ހަފްތާގައި ވަނީ ޑްރޯން ހަމަލާތަކެއް އަމާޒުވެފައެވެ.