އިޒްރޭލުގެ ލާއިންސާނީ ޙަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ ފަލަސްޠީނުގެ ޣައްޒާގެ އަހުލުވެރީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، މެދުއިރުމައްޗަށް ހަމަޖެހުން ގެނައުމުގެ މަސައްކަތާ ގުޅޭގޮތުން ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު ޢުރުދުގާނާއި، ރާއްޖޭގެ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފިއެވެ. 

މިދިޔަ ސެޕްޓެމްބަރު މަހުގެ 30ގައި ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ޑރ. މުޢިއްޒަށް މަރުޙަބާ ދެންނެވުމަށް، ތުރުކީގެ ރައީސް ޢުރުދުޣާން ކުރެއްވި ފޯނުކޯލެއްގައި ދެބޭފުޅުން ވަނީ، ފަލަސްޠީނުގެ މައްސަލައަށް އަލުއަޅުވާލައި ވާހަކަފުޅުދައްކަވައިފައެވެ. އެގޮތުން، އިޒްރޭލުގެ އަނިޔާވެރި ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނުގައި ހާލުގައި ޖެހިފައިވާ އެތަކެއް ހާސް ރައްޔިތުންނަށް، އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ތުރުކީން ކުރަމުން ގެންދާކަން ޢުރުދުޣާން ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުން، މެދުއިރުމަތީގައި ސުލްޙައާއި ހަމަޖެހުން ޤާއިމުކޮށް، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ތުރުކީވިލާތަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާކަން ޢުރުދުޣާން ފާހަގަކުރެއްވިއެވެ. 

އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރުގަދަ އެއްވުންތައް ބާއްވަމުންދާއިރު، ރާއްޖޭގައިވެސް ވަނީ ހަނގުރާމަ ހުއްޓައިލުމަށާއި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި، އިޒްރޭލްގެ ރައްޔިތުން ރާއްޖެއަށް ދަތުރުކުރުން ދާއިމަށް މަނާކުރުމަށް ގޮވާލައި އެއްވުންތަކާއި ހިނގާލުންތައް ބާއްވައިފައެވެ. މީގެ އިތުރުން، ޣައްޒާގައި ޙާލުގައިޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންޑްރައިޒިން ޕްރޮގްރާމްތައް ހިންގައި، އެހީގެ ތަކެތިވެސް އެހީދޭ ޖަމިއްޔާތައް މެދުވެރިކޮށް ދިވެހި ރައްޔިތުން ދަނީ ފޯރުކޮށްދެމުންނެވެ.