ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ވަޒަނުން ބޭރުކޮށްލައި، އިޒްރޭލުން އެ ބިންތައް އަޅުވެތިިކޮށްގެން މައްސަލައަށް ހައްލެއް ލިބިދާނޭކަމަށް ދުނިޔޭގެ ގައުމުތަކުން ހީކުރުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށް މިސްރުގެ ރައީސް ޢަބްދުލް ފައްތާޙު އަލް ސީސީ ވިދާޅުވެއްޖެއެވެ.
ސީސީގެ އިސްނެންގެވުމުގެ މަތީން، މިސްރުގެ ވެރިރަށް ޤާހިރާގައި ހޮނިހިރު ދުވަހު ބޭއްވި "ކައިރޯ ޕީސް ސަމިޓް"ގައި ސީސީ ވިދާޅުވީ، ޣައްޒާގެ އެންމެހާ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ވަރުގަދަ ޢުދުވާނެއް ހިންގަމުންދާއިރު ދުނިޔޭގެ ގައުމުތަކުން ހިމޭންވެ ތިބޭތީ ހައިރާންވެވަޑައިގަންނަވާކަމަށެވެ.
ޢާންމުންނަށް އަމާޒުކޮށް ހަމަލާދިނުމާއި، މެރުމާއި، ބިރުދެއްކުން ފަދަ ޢަމަލުތައް ސާފުޢިބާރާތުން މިސްރުން ކުށްވެރިކުރާ ކަމަށާއި، ފަލަސްޠީނުގެ އެންމެހައި ރައްޔިތުންނަށް ބައިނަލްއަޤްވާމީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސީސީ ގޮވާލެއްވިއެވެ. އަދި މިސްރުން ދަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަހަރެމެން ރަފާ ހުރަސް ބަންދެއް ނުކުރަން،" ސީސީ ވިދާޅުވިއެވެ. އިޒްރޭލުން މެދުކެނޑުމެއް ނެތި ޣައްޒާއަށް ބޮންއަޅާއިރުވެސް، ރަފާ ހުރަސް ބަންދު ނުކުރާނޭކަމުގެ ޔަގީންކަން އެމެރިކާގެ ރައީސް ޖޯ ބައިޑަން އަށް ދެއްވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސީސީ ވިދާޅުވީ، "ފަލަސްޠީނުގެ ރައްޔިތުން ގަދަކަމުން އެމީހުންގެ ވަޒަނުން ބޭރުކުރުމާ އަހަރެމެން ދެކޮޅު،" ކަމަށެވެ. އަދި "ފަލަސްޠީނު ޙިޞާރުކޮށް، އެތަނުގެ ސާބިތު ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކޮށްލެވިދާނޭކަމަށް ހީކުރުމަކީ ކުށްހީއެއް" ކަމަށްވެސް ސީސީ ވިދާޅުވިއެވެ.
"އަޅުގަނޑު ދުނިޔެއަށް ޔަޤީންކޮށް އަރުވަން، ފަލަސްޠީނު މައްސަލައިގައި އިންސާފުވެރި ޙައްލެއް ނުހޯދައި މިކަން ނިންމާން މިޞްރުން އެއްވެސް ޙާލެއްގައި އެއްބަހެއް ނުވާނެ." ކަމަށް އޭނާ ވިދާޅުވިއެވެ.
މިސްރުގެ ރައީސް ވިދާޅުވީ، "މިއަދު މަސައްކަތް މިކުރަނީ، ސުލްޙައިގެ މަރުޙަލާ އާރޯކުރުމަށް ރޯޑްމެޕެއް އެކުލަވައިލާން،" ކަމަށާއި، "ރޯޑްމެޕް ފެށޭނީ، ވަގުތުން ހަނގުރާމަ ހުއްޓާލައި، އަދި ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ މަސައްކަތް ކުރުމަށް،" ކަމަށެވެ.
ފަލަސްޠީނުގެ ޣައްޒާގައި އިޒްރޭލުގެ ޔަހޫދީ އަނިޔާވެރި ދައުލަތުން ހިންގަމުންދާ ޤަތުލުޢާންމު ވަގުތުން ހުއްޓާލައި ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނޭ ގޮތް ހަމަޖެއްސުމަށާއި، ހަނގުރާމަ ހުއްޓާލައި ފަލަސްޠީނުގެ މިނިވަން ދައުލަތެއް އެކުލަވައިލުމަށް ކައިރޯ ޕީސް ސަމިޓްގެ ބައިވެރީން ވަނީ ގޮވާލައިފައެވެ.