އިޒްރޭލުގެ ލާއިންސާނީ ޢުދުވާނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ސާމާނު ހިމެނޭ ފުރަތަމަ ޓްރަކް، ޣައްޒާއިން މިޞްރަށް ވަނުމަށް އޮންނަ ރަފާހް ބޯޑަރަށް ގޮސްފިއެވެ. 

އދ.ގެ ބެލުމުގެ ދަށުން ޣައްޒާއަށް ބޭނުންވާ ކާބޯތަކެތި، ފެން އަދި ބޭސް ހިމެނޭ 20 ޓްރަކެއް ވަނުމުގެ ހުއްދަ އިޒްރޭލުން ދީފައިވާއިރު، އެކަމަށްޓަކައި ޣައްޒާގެ ދެކުނުގެ ރަފާ ސިޓީން މިސްރަށް ދާން އޮންނަ ރަފާ ހުރަސް ވަނީ ހުޅުވާލައިފައެވެ. 

ކާބޯތަކެއްޗާ ފެނާއި ބޭސް އުފުލާ 20 ޓްރަކްގެ ތެރޭން ފުރަތަމަ ޓްރަކް ރަފާ ހުރަސްކައިރިއަށް ދިޔަ ނަމަވެސް ޣައްޒާއަށް ބޭނުންވާ ތެޔޮ އެތެރުކުރުމުގެ ހުއްދަ އަދިވެސް ނުދޭކަމަށް ޢަރަބި މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކުގައި މިހާތަނަށް އެތަކެއް ހާސް މީހުން ޝަހީދުކޮށްލައި، އެތަކެއް ސަތޭކަ ޢާޢިލާއެއްގެ ގެދޮރު ބިމާހަމަކޮށް ސުންނާފަތިކޮށްލާފައި ވާއިރު، ހާލުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިއަނަކަށްވުރެ އިތުރުވާނޭކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެންމެ 20 ޓްރަކްގެ ސާމާނަކީ މިފަދަ މުސީބާތުގެ ޙާލަތަކަށް އެކަށީގެންވާ ވަރާ ކުޑަކޮށްވެސް ގާތްކުރާ މިންވަރެއްވެސް ނޫންކަމަށް އެހީދޭ ފަރާތްތަކުން ބުނެއެވެ. 

ޣައްޒާގެ ރައްޔިތުންނަށް އެހީގެ ކުޑަ މިންވަރެއް ފޮނުވާއިރުވެސް އެއިން އެއްވެސް އެއްޗެއް ހަމާސްއަށް ނުފޯރާނޭކަން ކަށަވަރުކޮށްދިނުމަށް އިޒްރޭލުން ޝަރުތު ކުރުވާފައި ވާއިރު، އިޒްރޭލުން އެއްވެސް ވަރަކަށް ބަލައިނުލާ ދެމުންގެންދާ ހަމަލާތަކާއި، އިޒްރޭލުން ކުރިމަތިކުރާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންމ މިހާރު ފޮނުވާ ތަކެތިވެސް ޣައްޒާގެ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވިދާނޭކަމާ މެދުވެސް އެހީދޭ ފަރާތްތަކުން ސުވާލު އުފައްދައެވެ. 

އިޒްރޭލުން ޣައްޒާއަށް މިފަހަރު ބޮންއަޅާން ފެށިފަހުން ޣައްޒާއިން ޝަހީދުވީ މީހުންގެ ޢަދަދު 4500އަށްވުރެ އިތުރުވެފައި ވާއިރު، އޭގެ ތެރޭގައި ގިނައީ ޢާންމު ރައްޔިތުންނެވެ.އެގޮތުން 1500އަށްވުރެ ގިނަ ކުޑަކުދީންނާއި، 1000އާ ގާތްކުރާ ޢަދަދަކަށް އަންހެނުން ހިމެނޭކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނެއެވެ.