އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ލާއިންސާނީ ޢުދުވާނުތަކާ ދެކޮޅަށް އަޑުފުލާތީ، ކުރިމަތިވެދާނެ ނުރައްކަލަކަށްޓަކައި، ދިވެހިރާއްޖެ ހިމެނޭގޮތަށް، އިސްލާމީ ޢަރަބި ގިނަ ޤައުމުތަކަކަށް ދަތުރު ނުކުރުމަށާއި، މިހާރު އެ ގައުމުތަކުގައި ތިބި މީހުންވެސް އެތަންތަނުން ވީ އެންމެ އަވަހަކަށް ފޭބުމަށް އިޒްރޭލުގެ ރައްޔިތުންނަަށް އެގައުމުން އިލްތިމާސްކޮށްފިއެވެ.
އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނި ބަޔާނެއްގައި ވަނީ، ދިވެހިރާއްޖެ، ޕާކިސްތާން، ބަންގުލަދޭޝް ފަދަ ޤައުމުތަކަށާއި، އަދި މެލޭޝިއާ، އިންޑޮނޭޝިއާ ފަދަ މުސްލިމް ޤައުމުތަކަށް މިވަގުތު ދަތުރުނުކުރަން އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، މެދުއިރުމައްޗާއި ގަލްފުގެ ޢަރަބި އިސްލާމީ ގައުމުތައް ހިމެނޭހެން، ޔޫއޭއީ، އުރުދުން، ބަޙްރައިން، މަޣްރިބް، ކުވޭތު، މިސްރު، ލުބްނާން، އަދި ތުރުކީއަށްވެސް ނުދިއުމަށް އިޒްރޭލުން ވަނީ އެގައުމުގެ ރައްޔިތުންނަށް ގޮވާލައިފައެވެ.
އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް، ރާއްޖެއާއި ޢަރަބި އަދި އިސްލާމީ ޤައުމުތަކާއި އަދި ވިލާތާއި އެމެރިކާއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ އަޑުއުފުލައި ވަރުގަދަ އެއްވުންތައް ބާއްވަމުންނެވެ. މިފަދަ އެއްވުންތަކުގެ ބައިވެރީން ވަނީ، އިޒްރޭލާއި އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާގެ އެމްބަސީތަކަށްވެސް ނުރައްކާކޮށްފައެވެ. އެގޮތުން ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި އެމެރިކާގެ އެމްބަސީގައި ވަނީ އަލިފާން ރޯކޮށްލައިފައެވެ.
އިޒްރޭލަށް އެހީތެރިވާނަމަ، އެމެރިކާގެ އަމާޒުތަކަށް ހަމަލާދޭނޭ ކަމަށް މީގެ ކުރީން އީރާނާއި ޢިރާގުންވެސް ވަނީ އިންޒާރު ދީފައެވެ. އަދި އިޒްރޭލުން ޣައްޒާއަށް އަރައިގަނެފި ނަމަ، ބަލަން ނުތިބޭނޭކަމަށް ބުނެ ޢީރާނުންވަނީ އިންޒާރު ދީފައެވެ.
ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އެހީތެރިވާތީ، މުޖާހިދުންގެ ޖާމާޢަތަކުން ޢިރާގުގައި އެމެރިކާގެ މިލިޓަރީ ބޭހަކަށް ޑްރޯން ޙަމަލާތަކެއް ދީފައިވާއިރު، ލުބްނާނުގެ ޙިޒްބުﷲގެ މުޖާހިދުން މިހާރު ވަނީ، އިޒްރޭލުގެ އަމާޒުތަކަށް ޙަމަލާދޭން ފަށައިފައެވެ.
އިޒްރޭލުން ޣައްޒާއަށް މިފަހަރު ބޮންއަޅާން ފެށިފަހުން ޣައްޒާއިން ޝަހީދުވީ މީހުންގެ ޢަދަދު 4100އަށްވުރެ އިތުރުވެފައި ވާއިރު، އޭގެ ތެރޭގައި ގިނައީ ޢާންމު ރައްޔިތުންނެވެ.އެގޮތުން 1400އަށްވުރެ ގިނަ ކުޑަކުދީންނާއި، 1000އާ ގާތްކުރާ ޢަދަދަކަށް އަންހެނުން ހިމެނޭކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނެއެވެ.