އިޒްރޭލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ޢުދުވާނީ ޙަމަލާތަކާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މުޒާހަރާތައް ކުރިއަށްދާ މި ދަނޑިވަޅުގައި، މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ދަތުރު ނުކުރުމަށް އިޒްރޭލުން އެގައުމުގެ ރައްޔިތުންނަށް އިންޒާރު ދީފިއެވެ. 

އިޒްރޭލުން ވަނީ، މިޞްރާއި ޢުރުދުން ދޫކޮށް ވަގުތުން ދިއުމަށް އެގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށް އިންޒާރުވެސް ދީފައެވެ. އަދި މީގެ އިތުރުން މިޞްރާއި ޢުރުދުން އަދި މަޣްރިބަށް ދަތުރު ނުކުރުމަށްވެސް އިޒްރޭލުން ވަނީ އެގައުމުގެ ރައްޔިތުންނަށް އަންގައިފައެވެ. 

އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް، ޢަރަބި އިސްލާމީ ޤައުމުތަކާއި އަދި ވިލާތާއި އެމެރިކާއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ އަޑުއުފުލައި ވަރުގަދަ އެއްވުންތައް ބާއްވަމުންނެވެ. މިފަދަ އެއްވުންތަކުގެ ބައިވެރީން ވަނީ، އިޒްރޭލާއި އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާގެ އެމްބަސީތަކަށްވެސް ނުރައްކާކޮށްފައެވެ. އެގޮތުން ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި އެމެރިކާގެ އެމްބަސީގައި ވަނީ އަލިފާން ރޯކޮށްލައިފައެވެ. 

އިޒްރޭލަށް އެހީތެރިވާނަމަ، އެމެރިކާގެ އަމާޒުތަކަށް ހަމަލާދޭނޭ ކަމަށް މީގެ ކުރީން އީރާނާއި ޢިރާގުންވެސް ވަނީ އިންޒާރު ދީފައެވެ. އަދި އިޒްރޭލުން ޣައްޒާއަށް އަރައިގަނެފި ނަމަ، ބަލަން ނުތިބޭނޭކަމަށް ބުނެ ޢީރާނުންވަނީ އިންޒާރު ދީފައެވެ. 

ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އެހީތެރިވާތީ، މުޖާހިދުންގެ ޖާމާޢަތަކުން ޢިރާގުގައި އެމެރިކާގެ މިލިޓަރީ ބޭހަކަށް ޑްރޯން ޙަމަލާތަކެއް ދީފައިވާއިރު، ލުބްނާނުގެ ޙިޒްބުﷲގެ މުޖާހިދުން މިހާރު ވަނީ، އިޒްރޭލުގެ އަމާޒުތަކަށް ޙަމަލާދޭން ފަށައިފައެވެ. 

އިޒްރޭލުން ޣައްޒާއަށް މިފަހަރު ބޮންއަޅާން ފެށިފަހުން ޣައްޒާއިން ޝަހީދުވީ މީހުންގެ ޢަދަދު 4100އަށްވުރެ އިތުރުވެފައި ވާއިރު، އޭގެ ތެރޭގައި ގިނައީ ޢާންމު ރައްޔިތުންނެވެ.އެގޮތުން 1400އަށްވުރެ ގިނަ ކުޑަކުދީންނާއި، 1000އާ ގާތްކުރާ ޢަދަދަކަށް އަންހެނުން ހިމެނޭކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނެއެވެ.