ފަލަސްޠީނުގެ ޣައްޒާގައި އިޒްރޭލުގެ ޔަހޫދީ އަނިޔާވެރި ދައުލަތުން ހިންގަމުންދާ ޤަތުލުޢާންމު ވަގުތުން ހުއްޓާލައި ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނޭ ގޮތް ހަމަޖެއްސުމަށާއި، ހަނގުރާމަ ހުއްޓާލައި ފަލަސްޠީނުގެ މިނިވަން ދައުލަތެއް އެކުލަވައިލުމަށް މިޞްރުން އިސްނަގައިގެން އެގައުމުގެ ވެރިރަށް ޤާހިރާގައި ބޭއްވި "ކައިރޯ ޕީސް ސަމިޓް"ގެ ބައިވެރީން ގޮވާލައިފިއެވެ. 

ޢަރަބި ލީގުގުގައި ހިމެނޭ ޤައުމުތަކުގެ އިސް ފާރަތްތަކުގެ އިތުރުން، މި ސަމިޓުގައި ފްރާންސް، ޖަރުމަން، ރަޝާ، ޗައިނާ، އިނގިރޭސިވިލާތް، އެމެރިކާ، ދެކުނު އެފްރިކާއާއި، އ.ދއާއި ވިލާތުގެ އިއްތިހާދު (އީ.ޔޫ)ގެ އޮފިޝަލުން ވެސް ބައިވެރިވެ ވަޑައިގަތެވެ. ނަމަވެސް، އެ ސަމިޓްގައި އިޒްރޭލުން ބައިވެރިއެއް ނުވެއެވެ. 

މިސްރުގެ ރައީސް ޢަބްދުލް ފައްތާޙު އަލް-ސީސީ ވިދާޅުވީ، ޣައްޒާގައި ދިރިއުޅޭ 3.2 މިލިޔަން މުސްލިމުންނަށް ޔަހޫދީ އިސްރާޢީލުން ކުރިމަތި ކޮށްފައިވާ އިންސާނީ މުޞީބާތުން އެ މީހުން ސަލާމަތް ކުރަން ގުޅިގެން މަސައްކަތް ކުރާން ޖެހޭ ކަމަށެވެ. އަދި، ފަލަސްޠީނާއި އިޒްރޭލުގެ ޒަޔަނިސްޓުންނާ ދެމެދު ސުލްޙަ ގާއިމު ކުރަން މަސައްކަތް ކުރުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ. މީގެ އިތުރުން، ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޙާލުގައި ޖެހިފައިވާ އެތަކެއް ހާސް މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސީސީވަނީ ސަމިޓްގައި ގޮވާލައްވައިފައެވެ. 

ސަމިޓްގައި ބައިވެރިވެވަޑައިގެން، ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވަނީ، ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނޭ މަގުތައް ވަގުތުން ހުޅުވާލައި، އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައްވައިފައެވެ. 

މި ސަމިޓްގައި ޢުރުދުންގެ ރަސްގެފާނު ޢަބްދުالله ބިން ޙުސައިން (ދެވަނަ) ވިދާޅުވީ، ކޮންމެ އިންސާނެއްގެ ފުރާނަވެސް މުޙިއްމު ކަމަށާއި، ނަމަވެސް އިޒްރޭލުގެ ޔަހޫދީން ޣައްޒާގައި މިހާރު ހިންގަމުން އެދަނީ، ލާއިންސާނީ ޖަރީމާތަކެއް ކަމަށެވެ. އަދި ހަމާސް ދެކެ އަންނަ ރުޅީގައި ޣައްޒާގެ ޢާންމުންނާ ދެކޮޅަށް ހިންގާ ޤަތުލްޢާންމުތައް ބަލައި ނުގަނެވޭނޭކަމަށާއި، ޒަޔަނިސްޓުން އެދަނީ މުސްލިމުންގެ އިންސާނީ ޙައްޤުތަކަށް އަރައިގަނެ، ހަނގުރާމައިގެ ކުށްތަކެއް ހިންގަމުންކަމަށް ވެސް ރަސްގެފާނު ވިދާޅުވިއެވެ. 

އަދި ސަމިޓްގައި ބައިވެރިވި އެހެން ލީޑަރުންވެސް ވަނީ، ހަނގުރާމަ ވަގުތުން ހުއްޓާލައި، ޣައްޒާގެ ރައްޔިތުންނަށް އެހީގެ ސާމާނު ފޯރުކޮށްދިނުމަށާއި، އަދި ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ގޮވާލައިފައެވެ. 

ޤާހިރާ ސުލްޙައިގެ ސަމިޓްގައި ސުލްޙައިގެ ރޯޑްމެޕެއް އެކުލަވައިލާން ނިންމާފައިވާއިރު، އެ ރޯޑުމެޕު ފެށިގެންދާނީ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ މަސައްކަތާއެކު ކަމަށް މިސްރުގެ ރައީސް ސީސީވަނީ ވިދާޅުވެފައެވެ.