ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިއްކައި ތަރައްޤީކޮށްފައިވާ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އެ ސަރުކާރުން ޢިމާރާތްކޮށްފައިވާ ހިޔާ ޓަވަރު ތަކުގެ ކޮންމެ ޓަވަރެއްގައި އިތުރު 2 ލިފްޓް ބަހައްޓާން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްބައި ހިމަނާފައި ވާނޭކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ހުކުރު ދުވަހު ހިޔާ ޓަވަރުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި، އިންތިޚާބީ ރައީސް ވިދާޅުވީ، އަންނަ އަހަރުގައި ސަރުކާރުން ކަނޑައަޅާ ބަޖެޓުގައި އާ ސަރުކާރުން ބޭނުންވާ ކަންކަން ހިމެނުމުގެ ފުރުސަތު ލިބިފައިވާ ކަމަށާއި، އެގޮތުން، އާ ސަރުކާރުން ބަޖެޓަށް ހުށަހެޅި އެއްކަމެއްގެ ގޮތުގައި، ހިޔާގެ 16 ޓަވަރުން ކޮންމެ ޓަވަރެއްގައި އިތުރު 2 ލިފްޓު ހަރުކުރާން ހިމަނާފައި ވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ޑރ. މުޢިއްޒު ވިދާޅުވީ، ހިޔާ ފްލެޓްތަކަށް އިތުރުކުރާން ހަމަޖެހިފައިވަނީ، ސްޓްރެޗަރ ނުވަތަ ބަލިމީހުން އުފުލޭނެ ލިފްޓަކާއި، 14 މީހުންގެ ޖާގައިގެ ލިފްޓެއް ކަމަށެވެ. 

ރައީސް ޔާމީނުގެ ސަރުކާރުން ޢިމާރާތްކުރި 24 ބުރީގެ ހިޔާ ޓަވަރު ތަކުގައި މިހާރު ހުންނަނީ ބައެއް ޓަވަރުގައި 3 ލިފްޓް އަދި އަނެއްވައި ޓަވަރުގައި 4 ލިފްޓެވެ. އެހެންކަމުން މި ޢިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެކަމުން ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަކީ އިންތިޚާބީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ރައްޔިތުންނަށް ޖެއްސުންކުރާ އުސޫލުން، ފިނިޝިންގ ނުހަދައި، އަދި ކުލިވެސް ބޮޑުކުރުމަށްފަހު ހަވާލުކުރި ހިޔާ ޓަވަރުތަކުގެ ފްލެޓްތައް ނިންމާން އެތަންތަނުގެ ވެރިފަރާތްތަކުން ކުރި ޚަރަދުގެ ބަދަލެއްގެ ގޮތުގައި 200،000 ރުފިޔާގެ އެހީއެއް ދިނުންވެސް އެއީ ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.