ފަލަސްޠީނުގެ މުޖާހިދުންގެ ލަޝްކަރުން އަތުލައިގެންފައިވާ ބައެއް އަސީރުން މިނިވަންކުރެވެންދެން ޣައްޒާއަށް އަރައިގަތުން ކުޑަކޮށް މަޑުޖައްސާލަން އެމެރިކާގެ ރައީސް ޖޯބައިޑެން އިޒްރޭލުގެ އަސްކަރިއްޔާގެކިބައިން އެދިއްޖެއެވެ. 

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާދަކުގެ ދެވަނަ މަރުޙަލާއެއްގެ ގޮތުން އެއްގަމު މަގުން ޣައްޒާއަށް އަރައިގަތުމަށް އިޒްރޭލުން ތައްޔާރުވެފައިވާ މި ދަނޑިވަޅުގައި، ޤަތަރުގެ އިސްނެގުމުގެ މަތީން ޙަމާސްއިން ވަނީ، އެމެރިކާއަށް ނިސްބަތްވާ މަންމައަކާއި އޭނާގެ ދަރިފުޅު މިނިވަންކޮށްފައެވެ.

އެހެންކަމުން އެމެރިކާގެ ރައީސް ބައިޑެން ވަނީ، އިތުރު ރަހީނުން މިނިވަންކުރެވެންދެން، އެއްގަމު މަގުން ޣައްޒާއަށް އަރައިގަތުން އަދި މަޑުޖައްސާލަން އިޒްރޭލުގެ އަސްކަރިއްޔާއަށް އަންގައިފައެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތަކުގައި ޣައްޒާގެ ޢާންމުން ދިރިއުޅޭ އެތައް ޢިމާރާތަކާއި، ހޮސްޕިޓަލާއި ސްކޫލާއި މިސްކިތްތަކާއި ފައްޅިތަކާއި، އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުން ގާއިމުކޮށްފައިވާ ހިޔާތައްވެސް ބިމާ ހަމަކޮށްލާފައިވާއިރު، މި ޢުދުވާނުގައި މިހާތަނަށް ޣައްޒާއިން 4500އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު، އޭގެ ތެރޭގައި 1500އަށް ވުރެ ގިނަ ކުޑަކުދީންނާއި 1000އާ ގާތްކުރާ ޢަދަދެއްގެ އަންހެނުން ހިމެނޭކަމަށް ފަލަސްޠީނުގެ އިދާރާތަކުން މަޢުލޫމާތުދެއެވެ.