އިޒްރޭލުގެ ލާއިންސާނީ އަނިޔާތައް ތަޙައްމަލުކުރަމުން އަންނަ ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުތަކަށް ހޯދައިދިނުމަށާއި، އިޒްރޭލް ޕާސްޕޯޓް އޮންނަ މީހުން ރާއްޖެއަށް އައުން މަނާކުރުމަށް ގޮވާލައި، އެތައް ސަތޭކަ ބަޔަކު ރާއްޖޭގެ ވެރިރަށް މާލެ ސިޓީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. 

ޞުލްޙަވެރި މިއެއްވުން އިންތިޒާމްކުރީ، މީގެ ކުރީންވެސް ފަލަސްޠީނުގެ މައްސަލައިގައި އިޒްރޭލްގެ އިޔަހޫދީ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް މާލޭގައި މިފަދަ ހިނގާލުން އިންތިޒާމްކޮށްފައިވާ، އަދި އިންސާނީ އެހީއަށް މަސައްކަތްކުރާ ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ރައިޓް މޫވްމަންޓުންނެވެ. 

ފަލަސްޠީނުގެ މިނިވަންކަމަށާއި އިޒްރޭލް ޕާސްޕޯޓު ބޭންކުރުމަށް ގޮވާލައި މާލޭގައި ކުރިއަށް ގެންދިޔަ ބޮޑު ހިނގާލުމުގެ ތެރޭން-- އަސްލު ފޮޓޯ: އަޙްމަދު މުޖްތަބާ

 

މަޖީދީމަގުން، މާލޭ ރަސްފަންނުން ފެށި ހިނގާލުން ނިންމާލީ ހެންވޭރު ދަނޑަށާއި، އާޓިފިޝަލް ބީޗްހިމެނޭ ސަރަޙައްދަށެވެ. މި ހިނގާލުމުގައި، އެކި ޢުމުރުފުރައިގެ މީހުން ބައިވެރިވެފައިވާ އިރު އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދީންނާއި، ދެ ޖިންސުގެ ޒުވާނުންނާއި އަދި ޢުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ. 

ހިނގާލުން އިންތިޒާމްކުރި ރައިޓް މޫވްމަންޓުގެ ފަރާތުން ބުނީ، މި ހިނގާލުމުގެ އެންމެ މުޙިއްމު އެއް މަޤަޞަދަކީ ފަލަސްޠީނުގެ މިނިިވަންކަމަށް ގޮވާލުމުގެ އިތުރުން، އިސްރާއީލްގެ ޕާސްޕޯޓް "ބޭން"ކުރަން ދިވެހި ސަރުކާރަށް ސުލްހަވެރިކަމާއެކު ގޮވާލުން ކަމަށާއި، މިއީ މުސްލިމު ޤައުމެއްގެ ގޮތުގައި މިވަގުތަށް ރާއްޖޭން ކުރަންޖެހިފައިވާ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ހިނގާލުމުގެ ބައިވެރީން ވަނީ، ފަލަސްތީނުގެ ދިދައާއި، ތަފާތު ޝުޢޫރުތައް ހިމެނޭ ބެނާތަކާއި ޕޯސްޓަރުތަކާއި، އިނގިރޭސި އަދި ޢަރަބި ބަހުން ލިޔެފައިވާ ލިޔުންތަކާއެކު، މުޅި ދުނިޔެއަށް ދިވެހީން ތިބީ ފަލަސްޠީނާއެކު ކަން ހާމަކޮށް، މި މެސެޖުތައް މުޅި ދުނިޔެއަށް ރައްދުކޮށްފައެވެ. އަދި އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅު ހަދާކަމާއި، ދިވެހީން އަބަދުވެސް ތިބޭނީ ފަލަސްޠީނާއެކު ކަން ހާމަކޮށް، ފަލަސްޠީނުގެ މިނިވަންކަމަށް މުޅިދިވެހިރާއްޖެ އެދި ގޮވަމުންދާކަން އެއްވުމުގައި ވަނީ ހާމަކޮށްފައެވެ.

ފަލަސްޠީނުގެ މިނިވަންކަމަށާއި އިޒްރޭލް ޕާސްޕޯޓު ބޭންކުރުމަށް ގޮވާލައި މާލޭގައި ކުރިއަށް ގެންދިޔަ ބޮޑު ހިނގާލުމުގެ ތެރޭން-- އަސްލު ފޮޓޯ: އަޙްމަދު މުޖްތަބާ

 

މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިހެން ދަނީ، އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލައި، ފަލަސްޠީނުގެ މިނިވަންކަމަށް ގޮވާލައި އިޙްތިޖާޖުކުރަމުންނެވެ.