ފަލަސްޠީނުގެ ވެރިރަށް ޙަޤީޤީ ވެރިރަށް އަލް ޤުދުސްގައި ހުންނަ މުސްލިމުންގެ ފުރަތަމަ ޤިބްލަކަމަށްވާ އަލް މަސްޖިދުލް އަޤްޞާ ޙިމާޔަތްކޮށް، ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރުމަކީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ދިރިއުޅޭ މުސްލިމުންނާއި، އިސްލާމީ ޤައުމުތަކުގެ ސަރުކާރުތަކުގެ މައްޗަށްވެސް އޮތް މަތިވެރި ވާޖިބެއްކަމަށް ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ. 

މި ހުކުރުގައި ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ޚުތުބާގައި ވަނީ، އަލް މަސްޖިދުލް އަޤްޞާއާއި އެ މިސްކިތް ހިމެނޭ ބިން އަލްޤުދުސްގައި ޔަހޫދީ އިސްތިއުމާރީން އެތަނުގެ ޙުރުމަތް ކަނޑައި އެތަން ހަލާކުކޮށްލުމަށް އަނިޔާވެރި އެތައް އަމަލުތަކެއް ހިންގަމުންދާކަން ފާހަގަކޮށް، އެކަންކަން ހުއްޓުވާން އިސްލާމީ ގައުމުތަކުގެ ވެރީންނާއި ރައްޔިތުންނަށް ގޮވާލައިފައެވެ. 

އަދި ޒަޔަނިސްޓުންގެ މި އަނިޔާވެރި ޢަމަލުތަކަކީ ފަލަސްޠީންގެ މުސްލިމް ނަސްލު އެކީއެކަށް ނައްތާލުމުގެ އަނިޔާވެރި ހަރަކާތް ތަކެއްކަމަށާއި އެކަން އެންމެ ހަރުކަށި ޢިބާރާތުން ކުށް ވެރިކުރާކަމަށް ޚުތުބާގައިވެއެވެ.

ޚުތުބާގައި ވަނީ، އަޤްޞާއަކީ މުސްލިމުގެ އާޤިދާއާއި ގުޅިފައިވާ މުޤައްދަސް މިސްކިތަކަށް ވީހިނދު އަޤްޞާ މިނިވަންކޮށް ފަލަސްޠީންގެ ރައްޔިތުންގެ ގެއްލިފައިވާ ޙައްޤުތައް އަނބުރާ އިޢާދަކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަކީ މުސްލިމު ޤައުމުތަކުގެ ސަރުކާރުތަކާއި ރައްޔިތުންގެ މައްޗަށް އޮތް ވަރަށް މަތިވެރި ވާޖިބެއްކަމަށެވެ.

އަލްޤުދުސަކީ ސަލާމްލެއްވި އިބްރާހިމްގެފާނާއި އެކަލޭގެފަނުގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ގިނަ ނަބިއްޔުންގެ ފަސްގަނޑުކަން ފާހަގަކޮށް، ސަލާމްލެއްވި ދާއޫދުގެފާނުގެ ވެރިކަމުގައި އެކަލޭގެފާނު ވެރިކަން ކުރެއްވި ރަށަކީވެސް ޤުދުސްކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އަލް ޤުދުސްއަކީ، ދާއޫދުގެފާނުންގެ ލޮބުވެތި ދަރިކަލުން ސަލާމްލެއްވި ސުލައިމާން އަލައިހިއްސަލާމުގެ ބާރުގަދަ ވެރިކަންވެސް ހިންގެވި މާތް ބިންކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. 

އަލް މަސްޖިދިލް އަޤްޞާއާއި އެ މިސްކިތް ހިމެނޭ ބިން ޙިޞާރުކޮށްގެން ސަޙްޔޫނިން ދަނީ، އަޤްޞާ މިސްކިތް ތަޅާލުމަށް އަނިޔާވެރި ޢަމަލުތަކެއް ހިންގަމުން ކަމަށާއި، އެގޮތުން ޒަޔަނިސްޓުން ދަނީ މިސްކިތުގެ ޙިމާޔަތުގައި ޖިހާދުކުރަމުންދާ ފަލަސްޠީނުގެ ނަސްލު ނައްތާލުމުގެ ލާއިންސާނީ ޢަމަލުތަކެއް ހިންގަމުންކަން ޚުތުބާގައިވެއެވެ. 

މުސްލިމް ޤައުމުތަކުގެ ވެރީންނަށާއި ރައްޔިތުންނަށް ޚުތުބާގައި ގޮވާލާފައި ވަނީ، އަލް އަޤްޞާއަކީ މުސްލިމުންގެ ޢަޤީދާއާ ގުޅިިފައިވާ ބިޔާއަކަށް ވީހިނދު އެތަން އެތަން ޙިމާޔަތްކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް މިނިވަންކަން ހޯދައިދިނުމަށް، ކުރެވޭން ހުރި ހުރިހާ ކަމެއްކުރުމަށާއި އަދި އުންމީދު ކަނޑާނުލައި އަލް މަސްޖިދުލް އަޤްސާއަށާއި ނިކަމެތިވެފައިވާ މުސްލިމުންނަށްޓަކައި އިޚުލާސްތެރިކަމާއި މަޑުމައިތިރިކަމާއެކު ދުޢާކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.