ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުގެ އަނިޔާވެރި ޔަހޫދީ ދައުލަތުން ހިންގަމުންދާ ޤަތުލުޢާންމުތަކަށް ފާޅުގައި ހިތްވަރުދީ، ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ގޮވާލައި އ.ދގެ ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ޤަރާރު ވީޓޯ ކުރުމަށްފަހު، އެމެރިކާއިން އެގައުމުގެ ރައްޔިތުންނަށް ދުނިޔޭގެ ފެންވަރުގައި ސަމާލުވެތިބޭން އިލްތިމާސްކޮށްފިއެވެ. 

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާސްކަން ބޮޑުވަމުންދާ މި ދަނޑިވަޅުގައި، އެމެރިކާގެ ރައްޔިތުންނާއި އެމެރިކާގެ މަސްލަހަތު އޮތް ފަރާތްތަކާ ދެކޮޅަށް މުޒާހަރާތަކާއި، ޓެރަރިސްޓް ހަމާލާއާއި އަދި އަނިޔާވެރި ޢަމަލުތައް ހިންގުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށެވެ. 

އެހެންކަމުން، ސްޓޭޓް ޑިޕާޓުމަންޓުން ލަފާދެނީ، ގައުމުން ބޭރުގައި މިވަގުތު ތިބި އެމެރިކާގެ އެންމެހާ ރައްޔިތުން މިހާރަށްވުރެ ބޮޑަށް ސަމާލުވެގެން ތިބުމަށެވެ. 

ސްޓޭޓް ޑިޕާޓުމަންޓުން ވަނީ، ގައުމުން ބޭރުގައި އުޅޭ އެމެރިކާ ރައްޔިތުން، ފަތުރުވެރީން ގިނައިން ގޮސްއުޅޭ ސަރަހައްދުތަކަށް ދިއުމުގައި ސަމާލުވުމަށާއި، އިމަޖެންސީ ޙާލަތެއްގައި އެމީހަކު ހުރި ސަރަހައްދެއް ފަސޭހައިން ކަމާބެހޭ ފަރާތްތަކަށް އެންގުމަށްޓަކައި، އަދި މުޙިއްމު މައުލޫމާތާއި އެލަރޓް ލިބޭނޭގޮތް ހެދުމަށް، ސްމާޓް ޓްރެވަލަރ އެންރޯލްމަންޓް ޕްރޮގްރާމް (ސްޓެޕް) ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފައެވެ. އަދި ހަމަ އެހެންމެ ސްޓޭޓް ޑިޕާޓްމަންޓްގެ ޓްވިޓަރ އަދި ފޭސްބުކް ފޮލޯކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. 

ދުނިޔޭގެ އެއްވެސް ޤާނޫނަކަށް ބެލުމެއް ނެތި، ޣައްޒާގެ ޢާންމުން ދިރިއުޅޭ ތަންތަނާއި، ހޮސްޕިޓާތަކާއި ސްކޫލްފަދަ ތަންތަނަށް އިޒްރޭލުން ބޮންއަޅައި، އެތަކެއް ހާސް ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، އިޒްރޭލުގެ އެންމެ ބޮޑު ވާގިވެރިއަކީ އެމެރިކާއެވެ. އަދި އިނގިރޭސި ވިލާތާއި ހުޅަނގުގެ ބައެއް ޤައުމުތަކެވެ. 

އިޒްރޭލާ ދެކޮޅަށް ލުބުނާނުގައި ކުރިއަށް ގެންދިޔަ އިހްތިޖާޖުތަކުގައި، ބޭރޫތުގައި ހުންނަ އެމެރިކާގެ އެމްބަސީވެސް ވަނީ ރޯކޮށްލައިފައެވެ. 

ޣައްޒާގެ އަލް-އަހްލީ ޢަރަބި ހޮސްޕިޓަލަށް އިޒްރޭލުގެ އަސްކަރިއްޔާއިން ދިން މިސައިލް ހަމަލައެއްގައި 471 މީހަކު ޝަހީދުކޮށްލި ހާދިސާއާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކަން ކުށްވެރިކޮށް، ހަނގުރާމަ ވަގުތުން ހުއްޓާލުމަށާއި، އަދި އިޒްރޭލުގެ އަނިޔާވެރިކަން ނިމުމަކަށް ގެނެސް ފަލަސްތީނު މިނިވަންކުރުމަށް ގޮވާލައި ދަނީ އިޙްތިޖާޖުކުރަމުންނެވެ. 

ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް، ހޯމަ ދުވަހު ބްރެޒިލްގެ އިސްނެގުމާއެކު ޔޫއޭއީއިން ތާޢީދުކޮށްގެން ހުށަހެޅި ޤަރާރު ވަނީ، އެމެރިކާއިން ވީޓޯކޮށްފައެވެ. އަދި އެ ޤަރާރާ އެއްކޮޅަށް ވޯޓު ދީފައި ވަނީ، ޔޫއޭއީގެ އިތުރުން ޗައިނާ، ރަޝާ، ގެބޯން، މޮޒަންބީކެވެ. ޤަރާރު ބޭރުކޮށްލުމަށް ވޯޓު ދިނީ އެމެރިކާގެ އިތުރުން އިނގިރޭސިވިލާތާއި ޖަޕާނާއި، ފްރާންސުންނެވެ. އަލްބޭނިއާ، ބްރެޒިލް، އިކުއެޑޯ، ގާނާ، މޮލްޓާ އަދި ސްވިޓްޒަލޭންޑުން ވަކި ކޮޅަކަށް ވޯޓެއް ނުދެއެވެ. 

އެމެރިކާއިން ވޯޓު ދީފައި ނުވަނީ، ބްރެޒިލްގެ ޤަރާރުގައި ޣައްޒާގެ މުޖާހިދުންގެ ޖަމާޢަތަކީ، ޓެރަރިސްޓް ޖަމާޢަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށާއި، އަދި ހަމާސްއިން އިޒްރޭލަށް ދީފައިވާ ހަމަލާތައް ކުށްވެރިކޮށްފައި ނުވާކަމަށް ބުނެއެވެ.