ކުރިއަށް އޮތް، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރީން ޒިޔާރާތްކުރާ ދުވަސްވަރަށް (ޕީކް ސީޒަންއަށް) ރާއްޖޭގެ މައި ދޮރޯޝި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) މަޝްރޫޢު އެއްކޮށް ނިންމުމަށް އުންމީދުކުރައްވާކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރާއްޖޭގެ ފަތުރުވެރިކަމުގެ "ޕީކްސީޒަން"ގެ ގޮތުގައި ބަލަނީ، ޑިސެމްބަރުން އޭޕްރީއަށެވެ. 

ބުރާސްފަތި ދުވަހު ބަނޑޮސް މޯލްޑިވްސް ރިސޯޓްގައި ކުރިއަށް ގެންދިޔަ ހޮޓެލިއަރ މޯލްޑިވްސް ޖީއެމް ފޯރަމް ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި، އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ކުރިއަށް އޮތް 5 އަހަރު ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، ތަރައްގީކުރުމަށް، ވީއައިއޭގެ އާ ޓަރމިނަލް މަޝްރޫޢަކީ ވަރަށް މުޙިއްމު މަޝްރޫޢެއް ކަމަށެވެ. 

އެގޮތުން އެ މަޝްރޫޢުގެ ކޮންޓްރެކްޓަރާއި، އެ މަޝްރޫޢަށް އެދޭ ފަރާތްތަކަށް އިޝާރާތްކުރައްވައި، އިންތިޚާބީ ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އުންމީދަކީ، 2024 ވަނަ އަހަރުގެ ޕީކްސީޒަނަށް ވީއައިއޭ މަޝްރޫޢު ނިންމާލުން ކަމަށާއި، އަދި އޭގެ ސަބަބުން، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ވެސް ބޮޑެތި ފައިދާތަކެއް ލިބިގެން ދާނޭ ކަމަށެވެ. 

"ފަތުރުވެރިކަން ފުޅާ ކުރުމަށް ހިންގޭނެ އެންމެ ބޮޑު މަޝްރޫޢަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ނިމުން. އަޅުގަނޑު އުންމީދު ކުރަނީ މި މަޝްރޫޢަށް ފައިނަންސް ކުރާ ތަންތަނުންނާއި، މަޝްރޫޢުގެ ކޮންޓްރެކްޓަރުން، މަސައްކަތް އަވަސްކޮށް، 2024 ވަނަ އަހަރުގެ ޕީކް ސީޒަންގެ ކުރިން އެއަރޕޯޓުގެ މަންފާ ފަތުރުވެރިކަމުގެ ދާއިރާ އަށާއި، އެވިއޭޝަންގެ ދާއިރާއަށް ކުރުން." އިންތިޚާބީ ރައީސް ޑރ. މުޢިއްޒު 

އިންޑިއާގެ ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަށް ފަހު، އާ ރަންވޭއަކާއެކު ވީއައިއޭ ތަރައްގީކުރުމުގެ ބިޔަ މަޝްރޫޢަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި މަޝްރޫޢެކެވެ. އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ބިޔަ ބޮޑު މަޝްރޫޢުގައި، ރައީސް ޔާމީނުގެ ވެރިކަން ނުމުމުގެ ކުރީން، އާރަންވޭ ނިންމައި، އެތަނަށް ޓެސްޓް ފްލައިލްޓްވެސް ޖެއްސިއެވެ. ނަމަވެސް އެ މަޝްރޫޢުގެ ބޮޑުބައެއް އަދިވެސް ނުނިމެއެވެ. ރަސްމީކޮށް ވީއައިއޭގެ އާ ރަންވޭ ބޭނުންކުރާން ފެށީ، 6 އޮކްޓޫބަރު 2022ގައެވެ. 

ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހެދި އާ ރަންވޭއަކީ، ދިގުމިނުގައި 3400 މީޓަރު އަދި ފުޅާމިނުގައި 65 މީޓަރުގެ ކޯޑް-އެފްގެ މިންގަނޑަށް ފެތޭ ގޮތަށް އަޅާފައިވާ ރަންވޭއެކެވެ.

ވީއައިއޭ މަޝްރޫޢު ނިންމުމަށް ދާދިފަހުން ސަޢުދީން ވަނީ، 100 މިލިއަން ޑޮލަރުގެ އިތުރު ލޯން އެހީއެއް ދޭނޭކަމަށް ބުނެފައެވެ. 

ސައޫދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެންކުރިއަށް ގެންދާ މި މަޝްރޫޢުގެ ކޮންސްޓްރަކްޝަން މަސައްކަތާ ހަވާލުވެފައި ވަނީ، ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީއެޗްސީއީ)އެވެ. މަޝްރޫޢު ނިމޭއިރު 40 ޑިޕާޗަރ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު ހުންނާނެއެވެ.