ދިވެހި ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ އިންދިރާގާނދީ މެމޮރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ހިތާއި ނާރުގެ ބަލިތަކާ ބެހޭ މަރުކަޒާއި، ކިޑްނީގެ ބަލިތަކަށް ފަރުވާދޭ މަރުކަޒުން، އެތަންތަން ހިނގުމުގައި ހަރަކާތްތެރިވާ ބޭރުގެ ކުންފުނިތަކަށް ދައްކާންޖެހޭ 5.3 މިލިއަން ޑޮލަރުގެ ދަރަނި އެބަހުރި ކަމަށާއި، އޭގެ ސަބަބުން މި ދެ މަރުކަޒުގެ ޚިދުމަތް ހުއްޓާލަން ޖެހިދާނެކަމުގެ ބިރު އެބައޮތްކަމަށް އިންތިޚާބީ ރައީސް އޮފީހުން މިއަދު ފާޅުކޮށްފިއެވެ.

މ. ދިމްޔާތުގައި ގާއިމްކޮށްފައިވާ އިންތިޚާބީ ރައީސްގެ އޮފީހުގައި ނޫސްވެރީންނާ ބައްދަލުކުރައްވައި އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ، އައިޖީއެމްއެޗަށް މި އަހަރުގެ ބާކީ އޮތް މުއްދަތުގައި މުވައްޒަފުންގެ މުސާރަ ފިޔަވައި އެހެން އެއްވެސް ފައިސާއެއް ހަމަޖައްސައިދީފައި ނުވާކަމަށާއި އެކަމުގެ ސަބަބުން ހޮސްޕިޓަލުގެ މަރާމާތާއި އެހެން ބައެއް ވަސީލަތްތައް ބޭނުންކުރުމުގައި ދަތިތަކެއް ކުރިމަތިވަމުން އަންނަކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ތަރުޖަމާނު ވިދާޅުވީ، "އައިޖީއެމްއެޗުގައި ބައެއް ހާއްސަ ފަރުވާދޭ ސެންޓަރުތައް އެބަހުރި. އެ ސެންޓަރުތަކަކީ ބައެއް ފަހަރު ބޭރުގެ ކުންފުނިތަކާ ގުޅިގެން، ހިންގާ ތަންތަން،" ކަމަށެވެ.

އެގޮތުން ނޭޝަނަލް ކާޑިއަކް ސެންޓަރާއި ކިޑްނީގެ ބަލިތަކަށް ފަރުވާދޭ ސެންޓަރާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން، "މި ދެ ސެންޓަރަށް ހިދުމަތްދެމުން އަންނަ ކުންފުންޏަށް އައުޓްސޭންޑިން ބިލްގެ ގޮތުގައި ނުދައްކާ 5.3 މިލިއަން ޑޮލަރުގެ ބިލްތަކެއް ހުރިކަން ފާހަގަކުރަން" ކަމަށް ފިރުޒުލް ވިދާޅުވިއެވެ. 

ދިވެހީންގެ ތެރެއިން ގިނަ ބަޔަކު ހިތުގެ ބަލިތަކަށާއި، ނާރުގެ ބަލިތަކަށް ފަރުވާ ހޯދަމުން އަންނައިރު، ރާއްޖޭގައި އެންމެ ފުރަތަމަ އެންޖިއޯ ގްރާމާއި އެންޖީއޯޕްލާސްޓީ ކާމިޔާބުކަމާއެކު ހަދާފައި ވަނީ 2016 ވަނަ އަހަރު އައިޖީއެމްއެޗްގެ ނޭޝަނަލް ކާޑިއަކް ސެންޓަރުގައެވެ. 

އިންތިގާލީ ތަރުޖަމާޏު ވިދާޅުވީ، އައިޖީއެމްއެޗުން ފައިސާ ނުދައކައި ހުރި ބިލުތަކުގެ ތެރޭގައި، ހިތުގެ ބަލިތަކާ ބެހޭ މަރުކަޒާއި، ކިޑްނީގެ ބަލިތަކާ ބެހޭ މަރުކަޒަށް، ސަޕްލައިކޮށްފައިވާ އެކިއެކި ސިއްހީ ސާމާނާ ގުޅޭ ބިލްތައް ހިމެނޭ ކަމަށެވެ. 

އެގޮތުން، ހިތުގެ ބަލިތަކާ ގުޅޭ ފަރުވާއަށް ބޭނުންވާ ސްޓެންޓްއާއި ބެލޫންގެ އިތުރުން، ހިތުގެ ލޭނާރުތަކުގެ ތަހުލީލުތައް ހެދުމަށް ހަދާ އެންޖީއޯގްރާމް ޓެސްޓަށް ބޭނުންވާ އެކި ކަހަލަ ތަކެތީގެ ބިލްތައް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ފިރްޒުލް ވިދާޅުވީ، އިންތިޚާބީ ރައީސް އެކުލަވާލައްވާފައިވާ އިންތިގާލީ ކޮމިޓީގެ މެންބަރުމް އައިޖީއެމްއެޗްގެ ވެރީންނާ ބައްދަލުކޮށް ހޯދި މައުލޫމާތަށް ބަލާއިރު، ބިލްތައް ނުދައްކައި ހުރުމުގެ ސަބަބުން، ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން އައިޖީއެމްއެޗަށް އެ ތަކެތި ފޯރުކޮށްދިނުން ހުއްޓާލާފާނެ ކަމުގެ ކަންބޮޑުވުން އިންތިގާލީ ކޮމިޓީން ފާޅުކޮށްފައިވާ ކަމަށެވެ.

ދިވެހީން އަވައްޓެރި ގައުމުތަކަށް ގޮސްގެން މިފަދަ ބަލިތަކަށް ދަތިހާލުގައި ފަރުވާ ހޯދުން ނިމުމަކަށް ގެނައުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން، މުޅި އޭޝިއާ ސަރަހައްދަށް ބަލާލިކަމުގައި ވީ ނަމަވެސް، އެފަދަ ދެވަނައެއް ނެތްފަދަ ބިޔަ ބޮޑު ހޮސްޕިޓަލެއް (ދަރުމަވަންތަ ހޮސްޕިޓަލް) އަޅައި އެތަނުގައި ވަސީލަތްތައް ގާއިމުކުރި ކަމުގައި ވީނަމަވެސް، ވޭތުވެ ދިޔަ ފަސް އަހަރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރަށް އެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވާލަވެސް ނުދެވުނެވެ. އަދި އެތަން މިވަގުތު ހިންގަނީ، އައިޖީއެމްއެޗްގެ ޑިޕާޓުމަންޓެއްގެ ގޮތުގައެވެ.