ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ނިންމުމަށާއި، ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް ސައުދީ ޑިވެލޮޕްމަންޓް ފަންޑުން 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ)ގެ އެހީއެއްދޭން ނިންމައިފިއެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެން، 2016 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުފެށި، ވީއައިއޭގެ އާ ޓަރަމިނަލްގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާނީ 2025 ވަނަ އަހަރަށެވެ. އެގޮތުން އެ މަސައްކަތް ނިންމުމަށް ސައުދީން ވަނީ، 100 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމައިފައެވެ. 

މީގެ އިތުރުން ރާއްޖޭގެ ސިއްޙީދާއިރާ އިތުރަށް ތަރައްގީކުރުމަށް، އިތުރު 50 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށްވެސް ސަޢުދީން ވަނީ ނިންމައިފައެވެ. 

ވޭތުވެދިޔަ 5 އަހަރު ތެރޭގައި، ސަޢޫދީއާ ރާއްޖެއާ ދެމެދު އޮތް ގުޅުން އެހާ ރަނގަޅު ނޫން ނަމަވެސް، މިފަހަރުގެ ރިޔާސީ އިންތިޚާބު، އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބުކުރެއްވުމާއެކު، ސަޢުދީ ސަފީރު ވަނީ، އެމަނިކުފާނާ ބައްދަލުކުރައްވައި ރާއްޖެއާ ސަޢުދީގެ ގުޅުން އަނެއްކާވެސް އިތުރަށް ވަރުގަދަކުރަށްވާނޭ ކަމަށް ވިދާޅުވެފައެވެ. އަދި އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން، މިވަނީ، ބޮޑު އެހީއެއް ދިނުމަށް ނިންމައިފައެވެ.

ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއާއެކު ސިޔާސީ ގުޅުން ގާއިމުކުރީ 1981 ވަނަ އަހަރުއެވެ. އޭގެ ފަހުން، މިހާތަނަށް އެގައުމުން އަންނަނީ ރާއްޖެއަށް ތަފާތު ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ޚާއްސަކޮށް، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސައުދީއާ ރާއްޖެއާ ދެމެދު އޮތް ގުޅުން 

ދިވެހިރާއްޖެއިން ސަޢުދީ ޢަރަބިއްޔާއާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 17 މާރިޗު 1981 ގައެވެ. މިއަހަރު މިގުޅުމަށް 42 އަހަރު ފުރިފައިވާއިރު، ސަޢުދީ ޢަރަބިއްޔާއިން އަންނަނީ ރާއްޖެއަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.