ފަލަސްޠީނަށް ތާޢީދުކޮށް އަޑުއުފުލުމަށް ބޭއްވި އެއްވުމުގެ ބައިވެރީން ހޮނިހިރު ދުވަހު އިނިގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ މަގުތައް ފުރާލައިފިއެވެ. 

ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާ ގޮތުން، މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލުން ޣައްޒާގައި ހިންގާންފެށި އަސްކަރީ ޚަރަކާތްތައް ކުށްވެރިކޮށް، ހަނގުރާމަ ވަގުތުން ހުއްޓާލުމަށާއި ފަލަސްތީނު މިނިވަންކުރުމަށް ގޮވާލައި، އެތަކެއް ހާސް މީހުން ވަނީ ހޮނިހިރު ދުވަހު ލަންޑަންގެ މެދުތެރޭ ސަރަހައްދުތަކުގެ މަގުތައް ފުރާލައިފައެވެ. 

އިޒްރޭލުގެ އަނިޔާވެރި ސަރުކާރުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނު ހުއްޓާލުމަށާއި، ފަލަސްޠީނު މިނިވަންކުރުމަށާއި، ނަސްލީ ތަފާތުކުރުން ނައްތާލުމަށާއި، ޢަދުލުއިންސާފު ގާއިމުނުކޮށް އަމާންކަމާއި ހަމަޖެހުން ނުލިބޭނޭކަމަށް ގޮވާލައި ބެނާތަކާއި، ލިޔުންތަކާއި ފަލަސްތީނުގެ ދިދަހިފައިގެން ލަންޑަނުގެ އޮކްސްފަރޑް ސަރކަސްއާ ދިމާއަށް އެއްވެފައި ތިބި މީހުން މިސްރާބު ޖަހާފައި ވަނީ، ބޮޑުވަޒީރު ރިޝީ ސޫނަކްގެ ރަސްމީ ގެކޮޅު ޑަވްނިންގް ސްޓްރީޓާ ދިމާއަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. 

ފަލަސްޠީނު މިނިވަންކުރުމަށް ގޮވާލައި ލަންޑަނުގެ މަގުތަކަށް އެތަކެއްހާސް މީހުން އެއްވެ އިހްތިޖާޖުކުރަނީ-- ފޮޓޯ: ރޮއިޓަސް

 

އިޒްރޭލުގެ ލާއިންސާނީ ޢުދުވާނާ ދެކޮޅަށް، ފަލަސްޠީނުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނާއި އަދި އިންސާފަށް ލޯބިކުރާ ފަރާތްތަކުން ދަނީ އިހްތިޖާޖުކޮށް އަޑުއުފުލަމުންނެވެ. 

ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުން މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ދިން ކުއްލި ހަމަލާތަކާއެކު ފެށިގެން ދިޔަ ވަރުގަދަ ކުރިމަތިލުންތަކުގައި މިހާތަނަށް އިޒްރޭލުން 1300 މީހުން މަރުވެފައިވާއިރު، އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 2000އާ ގާތްކުރާ ޢަދަދަކަށް މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. 

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު، ފަލަސްޠީނުގައި އިޒްރޭލުގެ ޔަހޫދީން އާބާދުކުރީ އިނގިރޭސީންނެވެ. އޭގެ ފަހުން، އިޒްރޭލުން އަންނަނީ، އެމެރިކާއާ އިނގިރޭސީންނާ ވިލާތު ގައުމުތަކުގެ އެއްބާރުލުމާއެކު ފަލަސްތީނުގެ ބިންތައް ހިފައި އަޅުވެރިކޮށް، މުސްލިމު ދަރިކޮޅު ނައްތާލުމުގެ ބޮޑު ކެމްޕޭނެއް ފާޅުގައި ހިންގަމުންނެވެ. ނަމަވެސް މިކަން ހުއްޓުވާނޭ ބާރެއް ދުނިޔޭގައި އޮތްކަމަކަށް ނުވެއެވެ.