އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރައްވާ ދުވަހު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖޭން ބޭލުމުގެ މަސައްކަތް ފެށުމަށް އެގައުމުގެ ސަރުކާރުގައި ދިވެހި ސަރުކާރުން ރަސްމިކޮށް އެދޭނޭކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު ރައީސް ކަމުގެ ހުވާކުރައްވާނީ، ނޮވެމްބަރު 17 ވަނަ ދުވަހުއެވެ. 

ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް ފަހު، ބޭރުގެ މީޑިއާއަކަށް އެންމެ ފުރަތަމަ ދެއްވި އިންޓަރވިއުގައި، "ޓޯކްސް ޓު އަލް ޖަޒީރާ" ޕްރޮގްރާމްގައި އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރޭން، ވީ އެންމެ އަވަހަކަށް ރާއްޖޭން އިންޑިއާ ސިފައިން ބާލަން އެދިވަޑައިގަންނަވާނޭ ކަމަށާއި، އުންމީދަކީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ މައްސަލަ ހައްލުކުރެއްވުން ކަމަށެވެ. 

ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި ހުންނަވާ ސަފީރު މޫނު މަހާވަރާ ބައްދަލުކުރައްވައިވެސް އިންޑިއާ ސިފައިންގެ މައްސަލައިގައި މަޝްވަރާ ކުރައްވާފައި ވާނޭ ކަމަށާއި، އަދި ސަފީރު މޫނު ވަނީ، މި މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވާނޭ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށްވެސް ވިދާޅުވިއެވެ. 

ދިވެހިރާއްޖެއަކީ ވަރަށް ކުޑަ ޤައުމެއް ކަމަށާއި، އަދި ރާއްޖޭގައި ތިބީ ވަރަށް މަދު ޢަދަދެއްގެ ސިފައިންކަން ފާހަގަކުރައްވައި، އިންތިޚާބީ ރައީސް ވިދާޅުވީ، ރާއްޖެ މިނިވަންވީ ފަހުންވެސް މިހާތަނަށް، އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި އެގޮތަށް ޤާއިމުވެ ތިބެފައި ނެތް ކަމަށެވެ. އަދި އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބޭނަމަ، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ބުރޫ އަރާނޭކަމުގެ އިޙްސާސް ރައްޔިތުންނަށް ކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

އިންތިޚާބީ ރައީސް ޑރ. މުޢިއްޒު

 

އޭގެ ހެއްކެއްގެ ގޮތުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ދެވަނަ ދައުރެއް ދޭން ރައްޔިތުން ބޭނުން ނުވީ އެގޮތަށް ވަކިގައުމަކަށް ބަރޯސާވެ، ވަކި ގައުމެއްގެ އަސްކަރިއްޔާއިން ރާއްޖޭގައި ބަނޑަހަޖެހުންކަންވެސް ޑރ. މުޢިއްޒު ފާގަހަކުރެއްވިއެވެ.

އިންޑިއާ ސިފައިން ރާއްޖޭން ބޭރުކުރިކަމުގައި ވީނަމަވެސް، ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުން ހީނަރުވެގެން ނުދާނޭކަމަށް އެމަނިކުފާނު އުންމީދުކުރައްވާ ކަމަށާއި، އަދި ރާއްޖޭގައި އިންޑިއާ ނޫން އެހެން ގައުމެއްގެ ސިފައިންނަށްވެސް އެގޮތަށް ގާއިމުވެ ތިބޭން ފުރުސަތު ނުދެއްވާނޭކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ. 

ހިންދުކަނޑުގައި އަލިރަތް މުތްތަކެއްހެން ދުނިޔޭގެ ފަތުރުވެރީން ސިފަކުރާ، ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ އެއް މަންޒިލުކަމަށްވާ ރާއްޖެއަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޗުއްޓީ ހޭދަކޮށްލާން އެންމެ އަމާން މަންޒިލެވެ. ނަމަވެސް، ޖިއޯ ޕޮލިޓިކްސްއަށް ބަލާއިރު، ރާއްޖެ މިވަނީ ޗައިނާއާ އިންޑިއާއާ ދެމެދު، ސިޔާސީ ހަނގުރާމައެއްގެ ތެރޭގައި ފިތި ބާރުވެފައެވެ.