މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް، އަދި އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަންގައި ރާއްޖެއާ ބަންގްލަދޭޝް ބައްދަލުުރި މެޗުން 1-1 ދެޓީމު އެއްވަރުވެއްޖެއެވެ. 

ގަލޮޅު ދަނޑުގައި ބުރާސްފަތި ދުވަހު ހަވީރު ކުޅުނު ފޯރިގަދަ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ ރާއްޖޭ ކުޅުންތެރީންނެވެ. މެޗުގެ 87 ވަނަ މިނިޓްގައި ރާއްޖެއަށް ލީޑުނަގައި ދިނީ، ފަހުހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި  ޙަސަން ނަޒީމް (ޗޯޓު)އެވެ. 

މެޗުގައި ބަންގުލަދޭޝަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ފަހު ހާފުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށް ދިނީ، އިތުރު ވަގުތުގައި ކުޅެން ނުކުތް އެމްޑީ ސާދުއްދީންއެވެ. އޭނާ ލަނޑު ކާމިޔާބުކުރީ ކުޅެން އެރިތާ މިނިޓެއްހާ އިރުގެ ތެރޭގައެވެ.  

މިއީ ވޭތުވެދިޔަ 23 އަހަރު ތެރޭގައި ގަލޮޅު ދަނޑުގައި ބަންގްލަދޭޝް ޓީމަށް ރާއްޖެއާ އެއްވަރުކޮށްލެވުނު ފުރަތަމަ ފަހަރެވެ. 2000 ވަނަ އަހަރު ބޭއްވި ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތުގައި 1-1ގެ ނަތީޖާއިން އެއްވަރުވި މެޗަށްފަހު، ދެން މި ދެޓީމު ގަލޮޅު ދަނޑުގައި ކުރިމަތިލި ތިން ފަހަރުވެސް މެޗުން މޮޅުވެފައި ވަނީ ރާއްޖެއެވެ.

ފީފާ ވޯލްޑް ކަޕް، އަދި އޭއެފްސީ އޭޝިއަން ކަޕް 2026 ޖޮއިންޓް ކޮލިފިކޭޝަންގައި ރާއްޖެއާ ބަންގްލަދޭޝް ވާދަކުރާ 2 ވަނަ ލެގު މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު (17 އޮކްޓޫބަރު) ބަންގުލަދޭޝްގައެވެ. ބަންގްލަދޭޝްގެ ސިލްހެޓްގެ ބަޝުންދަރާ އެރީނާގައި ކުޅޭ އެ މެޗުން މޮޅުވާ ޓީމަކަށް ކޮލިފައިން ގްރޫޕް ސްޓޭޖަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ.