ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުގެ ސަޙްޔޫނީ ބާރުތަކުން މިހާރު ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ ގެލުމާއި، ވޭނާއި ކެކުޅުންތައް ކުށްވެރިކޮށް، ދިވެހީން ތިބީ ފަލަސްތީނާ އެކުކަން ހާމަކުރުމުގެ ގޮތުން މުޅި ރާއްޖޭގައި މިވަނީ ޚަރަކާތްތަކެއް ފަށައިފައެވެ. އެގޮތުން ހުކުރު ދުވަހު ހަވީރު، ވެރިރަށް މާލެ ސިޓީއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަނީ، އިޒްރޭލުގެ އަނިޔާވެރިކަށް ކުށްވެރިކޮށް، ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައި އެތަކެއް ހާސް ރައްޔިތުން އަޑުއުފުލައިފައެވެ. 

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާއި، އިސްރާ އެސޯސިއޭޝަނާއި އަދި މިނޫންވެސް ރާއްޖޭގެ އަމިއްލަ ޖަމިއްޔާތަކާއި މީޑިއާތަކާއި އާއްމުންގެ ގިނަ ބަޔަކު ގުޅިގެން "ދިވެހީންގެ ބޮޑުއެއްވުން" ނަމުގައި ބޭއްވި ހަރަކާތުގައި އެތަކެއް ހާސް ރައްޔިތުންވަނީ ބައިވެރިވެފައެވެ. މާލޭގައި މި ޚަރަކާތް ފެށިގެން ދިޔައީ ރަސްފަންނުން ނައްޓާލި ސައިކަލް ބުރުންނެވެ. އަދި ބޮޑު އެއްވުން ކުރިއަށް ގެންގޮސްފައި ވަނީ، އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ. 

ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހީން ބޮޑު އެއްވުމުގެ ތެރޭން-- ފޮޓޯ: ޕީއެސްއެމް

 

ހުކުރު ދުވަހު ހަވީރު ކުރިއަށް ގެންދިޔަ ސައިކަލްބުރާއި އެއްވުން ތަކުގައި، ރައްޔިތުން ވަނީ، ފަލަސްތީނުގެ ދިދައާއި، ދިވެހިދިދައާއި އަދި، އިޒްރޭލުގެ އަނިޔާތަކާ ދެކޮށްޅަށް ލިޔެފައިވާ ބެނާތަކާއި ބޯޑުތައް ބޭނުންކޮށްފައެވެ. އަދި ރައްޔިތުން އަޑުހަރުކޮށް ގޮވަމުން ދިޔައީ، އަނިޔާވެރިކަން ވަގުތުން ހުއްޓާލައި، އަޅުވެތިކޮށްފައިވާ ބިންތަކުން ސަޙުޔޫނީން ފައިބައި ފަލަސްތީނު މިނިވަންކުރުމަށެވެ. އަދި ރައްޔިތުން ދިޔައީ ފަލަސްޠީނަށް ނަޞްރާއި ކާމިޔާބު މިންވަރުކުރެއްވުން އެދި ދުޢާކުރަމުންނެވެ.  އެއްވުމުގެ ބައިވެރީންގެ ތެރޭގައި އެންމެ ތުއްތު ޢުމުރުން ފެށިގެން އެންމެ ދުވަސްވީ މީހުންނާއެކު އެކި ޢުމުރުފުރައިގެ ދެ ޖިންސުގެ މީހުން ހިމެނެއެވެ. ރައްޔިތުން ތިބީ، ފަލަސްތީނުގެ ދިދައިގައިވާ ކުލަތައް ރަމްޒުކޮށްދޭ ކުލަތަކުން ހެދުން އަޅައިގެންނެވެ. 

އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިޔަ ބޮޑު އެއްވުމުގެ ބައިވެރީން ވަނީ، ތާރީޚީ ނަޒަރަކުން ފަލަސްތީނާއި އިޒްރޭލްގެ ހަނގުރާމައާއި، އަދި ފަލަސްތީނުގެ ބިންތައް އިޒްރޭލުން އަޅުވެތިކުރަމުން ދިޔަ ގޮތުގެ މައްޗަށް ބަލާލައިވާހަކަ ދައްކައިފައެވެ. އައި ފަލަސްޠީނަކީ އިސްލާމީ އުންމަތަށް ކިހާ މުޙިއްމު ބިމެއްކަމާއި، ފަލަސްޠީނުގެ ޤުދުސްގައި ހުން މުސްލިމުންގެ ފުރަތަމަ ޤިބުލަ ކަމަށްވާ އަލް މަސްޖިދުލް އަޤްޞާގެ ތާރީޚަށްވެސް އެއްވުމުގައި ވާހަކަދެއްކެވި ބައެއް ބޭފުޅުން ވަނީ، ވާހަކަދައްކަވައިފައެވެ. 

ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހީން ބޮޑު އެއްވުމުގެ ތެރޭން-- ފޮޓޯ: ދެން

 

ބޮޑުއެއްވުން ކުރިއަށް ދިޔަ އިރު، އެ ސަރަހައްދުގައި ވެސް ފަންޑުފޮށިތައް ބަހައްޓަައިގެން، ޣައްޒާގެ ރައްޔިތުންނަށް އެހީވުމުގެ ޚަރަކާތްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އައިއޭސީން ވަނީ، އެ ޖަމިއްޔާއިން މިހާރު ޣައްޒާގައި ކުރިއަށް ގެންދާ އެހީގެ ޚަރަކާތްތައް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ އަޕްޑޭޓް ރައްޔިތުންނާ ޙިއްޞާކޮށްފައެވެ. 

ދިވެހީންގެ ނަމުގައި ފަލަސްޠީނުގެ ރައްޔިތުންނަށް އެހީފޯރުކޮށް ދިނުމަށް، ކުރިއަށް ގެންދާ ޚަރަކާތްތައް އޮކްޓޫބަރު 13ން 17އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އައިއޭސީން ވަނީ ހުކުރު ދުވަހު ހެނދުނު 11 ޖެހިއިރު، މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއްގެ ބޭރުގައި ފަންޑު ފޮށި ބަހައްޓައިފައެވެ. އަދި މާލޭ ސަރަހަައްދުގެ އިތުރުން މުޅި ރާއްޖޭގައި އެ ހަރަކާތް ކުރިއަށް ގެންދިއުމަށްވެސް އެޖަމިއްޔާއިން ވަނީ އެދިފައެވެ.

މީގެ އިތުރުން، އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އައިއޭސީގެ އެކައުންޓް 7770000062741 މެދުވެރުކޮށް މިހާރުވެސް ފައިސާގެ އެހީ ފޯރުކޮށްދެވޭނެއެވެ. އެގޮތުން މިހާތަނަށް 4 މިލިއަނަށްވުރެ ގިނަ ރުފިޔާ އެހީގެ ގޮތުންގައި ލިބިފައިވާކަން އައިއޭސީން ހާމަކުރެއެވެ. 

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިސްރާއިލުން ފަލަސްޠީނަށް ހަމަލާދޭން ފެށިފަހުން އައިއޭސީން ވަނީ ތިން ހޮސްޕިޓަލެއްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ކާބޯތަކެތި ފޯރުކޮށްދީފައެވެ. އަދި މިހާރު ވެސް ފަލަސްތީނުގެ ރައްޔިތުންނަށް 1،000 ފުޑް ޕެކޭޖު ބެހުމުގެ މަސައްކަތް ޣައްޒާގައި ކުރިއަށްދާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.