އިޒްރޭލުގެ ސަޙްޔޫނީ ދައުލަތުން ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދިވެހި މީޑިއާތަކާއި، އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގުޅިގެން އޮކްޓޯބަރ 13 އިން 17އަށް ޚާއްސަ ޓެލެތޯނެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.

އިސްރާޢީލުގެ ޔަހޫދީން ޣައްޒާގައި ހިންގަމުން ގެންދާ ޢުދުވާނުގައި މިހާތަނަށް ޝަހީދުކޮށްލާފައިވާ ފަލަސްތީނު ރައްޔިތުންގެ ޢަދަދު 1,537 އަށް އަރައެވެ. އަދި, އެ ހަމަލާތަކުގައި ޒަޚަމްވެފައިވާ މީހުންގެ ޢަދަދު 6,600އަށް ވުރެ ގިނައެވެ. މީގެ އިތުރުން އަމިއްލަ ގެއާއި މުދާތައް ދޫކޮށް ރައްކާތެރިކަން ހޯދަން ދިޔަ މީހުންގެ ޢަދަދު 423،000އަށް އަރައެވެ. އޭގެ ތެރޭން ގިނަ މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސާފައި ވަނީ، ޣައްޒާގެ ސްކޫލްތަކާއި، ރެފިއުޖީ ކޭމްޕުތަކުގައެވެ.

އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިރެކްޓަރު މުހައްމަދު ޢަލީ ވިދާޅުވީ، އެ ޖަމިއްޔާއިން އަބަދުވެސް ފަލަސްޠީނަށް ޚާއްސަ އަހައްމިއްޔަތެއްދޭ ކަމަށާއި، ފަލަސްޠީނަކީ ދިވެހީންނަށް ވަރަށް ޚާއްސަ ތަނެއް ކަމަށެވެ.

"ހޮނިހިރު އާދިއްތަ ހޯމަ މި ދުވަސްތަކުގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައި. 17 ވަނަ ދުވަހު ހެނދު 6 އިން ފެށިގެން ދަންވަރު 00:00 ޖަހަންދެން ތެލަތޯން ކުރިއަށް ގެންދާގޮތަށް މީޑިއާތަކުން މިވަނީ އެއްބަސް ވެފައި،" މުހައްމަދު ޢަލީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، "ކުރިއަށް އޮތް ދުވަސްތަކުގައި ބައިވެރިވާ މީޑިއާތައްވެސް ހާމަކުރާނެ،" ކަމަށެވެ.

އައިއޭސީން ވަނީ ހުކުރު ދުވަހު ހެނދުނު 11 ޖަހާއިރު، މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއްގެ ބޭރުގައި ފަންޑު ފޮށި ބަހައްޓަން ނިންމާފައެވެ. އަދި މާލޭ ސަރަހަައްދުގެ އިތުރުން މުޅި ރާއްޖޭގައި އެ ހަރަކާތް ކުރިއަށް ގެންދިއުމަށްވެސް އެޖަމިއްޔާއިން ވަނީ އެދިފައެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިސްރާއިލުން ފަލަސްޠީނަށް ހަމަލާދޭން ފެށިފަހުން އައިއޭސީން ވަނީ ތިން ހޮސްޕިޓަލެއްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ކާބޯތަކެތި ފޯރުކޮށްދީފައެވެ. އަދި މިހާރު ވެސް ފަލަސްތީނުގެ ރައްޔިތުންނަށް 1،000 ފުޑް ޕެކޭޖު ބެހުމުގެ މަސައްކަތް ޣައްޒާގައި ކުރިއަށްދާ ކަމަށް އެ ޖަމުޢިއްޔާއިން ބުނެއެވެ.