ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ އިތުރުން އިޒްރޭލުގެ ދެކުނުގެ ބޯޑަރު ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އެސަރަހައްދު ދޫކޮށް ދިއުމަށް، އިޒްރޭލުގެ ޞަޙްޔޫނީ އަސްކަރިއްޔާއިން އިންޒާރުދީފިއިވާ ކަމަށް އދ އިން ބުނެފިއެވެ. 

ފަލަސްޠީނުގެ މުޖާހިދުންގެ ޖަމާޢަތް، ހަމާސްގެ ބާރުގެ ދަށުގައި އޮންނަ މި ސަރަހައްދުގައި ގާތްގަނޑަކަށް 1.1 މުސްލިމުން ދިރިއުޅޭއިރު، 24 ގަނޑިއިރުތެރޭގައި އެ ސަރަހަށްދުގައި ދިރިއުޅޭ ރައްޔިތުން އެހެން ސަރަހައްދަކަށް ގެންދިއުމަކީ ނާދިރުކަމެއްކަމަށް، އދ.ގެ ތަރުޖަމާނު ސްޓެފަނީ ޑުޖަރިކް ވިދާޅުވިއެވެ. އަދި އެ ސަރަހައްދުގައި އދ.ގެ އެހީދޭ ކޭމްޕުތަކުގައި މިހާރުވެސް ހާލުގައި ޖެހިފައިވާ އެތަކެއް ހާސް ކުޑަކުދީންނާއި، އަންހެނުންނާއި، ޢުމުރުން ދުވަސްވީ މީހުން ތިބިއިރު، މިއީ މިފަދަ ހާލަތެއްގައި އެއްގޮތަކަށް ވެސް ކުރެވޭވަރު ކަމެއް ނޫންކަމަށް އެފަރާތްތަކުން ބުނެއެވެ. 

ނަމަވެސް، ޔަހޫދީ ސިފައިން ވަނީ، އެ ސަރަހައްދުގައި ދިރިއުޅޭ ހަމާސްގެ މުޖާހިދުން ނައްތާލުމަށް، އެއްގަމު މަގުން ވަރުގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާ ކަމަށާއި އެހެންކަމުން އެސަރަހައްދުގައި ދިރިއުޅޭ ޢާންމުން އެކުގައި އެ ސަރަހައްދު ދޫކޮށް ދިއުމަށް އަންގައިފައެވެ. 

އދ.ން ހާމަކުރާ ގޮތުން، މިހާރުވެސް އިޒްރޭލުގެ އަނިޔާވެރި ޢުދުވާނުގައި ޣައްޒާގެ އެންމެ ތޮއްޖެހިފައިވާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ތެރޭން ދުވާލެއްގެ މައްޗަށް 25 އިންސަތައް މީހުން އެކި ސަރަހައްދުތަކަށް ހިޖުރަކުރާން މަޖުބޫރުވެފައިވާއިރު، އަމިއްލަ ގެއާއި މުދާތައް ދޫކޮށް ރައްކާތެރިކަން ހޯދަން ދިޔަ މީހުންގެ ޢަދަދު 423،000އަށް އަރައެވެ. އޭގެ ތެރޭން ގިނަ މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސާފައި ވަނީ، ޣައްޒާގެ ސްކޫލްތަކާއި، ރެފިއުޖީ ކޭމްޕުތަކުގައެވެ.

އިޒްރޭލުގެ ހަރުކަށި ބޮޑުވަޒީރް ނަތަން ޔާހޫ ވަނީ، ހަމާސްއަކީ ފަލަސްތީނުގެ އައިސިސްކަމަށާއި، މިފަހަރުގެ ހަނގުރާމައިގައި ހަމާސް އެކުގައި ނައްތާކާނޭ ކަމަށް ބުނެ އިންޒާރު ދީފައެވެ. ނަމަވެސް، ހަމާސްގެ ހިތްވަރުގަދަ މުޖާހިދުން ވަނީ، އިޒްރޭލުގެ މިފަދަ އިންޒާރުތަކަށް ބިރު ނުގަނެ، ޣައްޒާގެ 2.3 މިލިއަނެއްހާ ރައްޔިތުން ހިތްވަރާއެކު މި ޖިހާދުގައި ކުރިއަށްގޮސް ޞަޙްޔޫނީންގެ އަނިޔާވެރިކަމުން ފަލަސްތީނު މިނިވަންކުރެވެންދެން ފަސް ނުޖެހުމަށް ގޮވާލައިފައެވެ. 

ހަމާސްއިން ވަނީ ޢަރަބި އަދި އިސްލާމީ އެންމެހާ ގައުމުތަކަށްވެސް ފަލަސްޠީނުގެ މިނިވަކަމަށް އެގައުމުގެ މުޖާހިދުންކުރަމުން އަންނަ ޖިހާދުގައި ބައިވެރިވެ، ވެވުނުގޮތަކަށް އެއްބައިވަންތަކަން ހާމަކޮށް އެއްބާރުލުން ދިނުމަށް ގޮވާލައިފައެވެ.

ޔަހޫދީން ޣައްޒާގައި ހިންގަމުން ގެންދާ ޢުދުވާނުގައި މިހާތަނަށް ޝަހީދުކޮށްލާފައިވާ ފަލަސްތީނު ރައްޔިތުންގެ ޢަދަދު 1,537 އަށް އަރައެވެ. އަދި, އެ ހަމަލާތަކުގައި ޒަޚަމްވެފައިވާ މީހުންގެ ޢަދަދު 6,600އަށް ވުރެ ގިނައެވެ.