ފަލަސްޠީނުގެ ޙަމާސް ޖަމާޢަތް ނައްތާލުމަށް ކަމަށްބުނެ، އިޒްރޭލުން މިހާރު ފަށާފައިވާ ހަނގުރާމައިގެ ޚަބަރުތައް ގެނެސްދޭން މަސައްކަތްކުރަމުންދާ ފަލަސްޠީނުގެ ނޫސްވެރީންގެ ތެރޭން މިހާތަނަށް 8 ނޫސްވެރިއަކު އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. 

އަންގާރަ ދުވަހު އެކަނިވެސް، އިޒްރޭލުން ވަނީ، ފަލަސްޠީނުގެ 4 ނޫސްވެރިއަކު ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި އަލް ޚާމިސާ ނޫސް އޭޖެންސީގެ ޑިރެކްޓަރ ސަޢީދު އަލް ތަވީލްއާއި، ޕްރެސް ފޮޓޯގްރަފަރ މުޙައްމަދު ޞުއްބޫޙާއި، ޣައްޒާ ނިއުސް އޭޖެންސީގެ ކަރެސްޕޮންޑެންޓް ޙިޝާމް ނަވަޖްހާ ހިމެނެއެވެ. އިޒްރޭލުން ނޫސްވެރީންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ޖަރީމާތައް ކުށްވެރި ކުރައްވަމުން، ޣައްޒާގެ ދައުލަތުގެ މީޑިއާ އޮފީހުގެ ވެރިޔާ ސާމިހް މައުރޫފް ވިދާޅުވީ، މި ތިން ނޫސްވެރީން ޝަހީދުކޮށްލާފައި ވަނީ، ޣައްޒާގެ ބަނދަރުމަތީ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. 

ޢާންމު ގޮތެއްގައި އިޒްރޭލުން ޣައްޒާގެ ޢާންމުން ދިރިއުޅޭ ތަންތަނަށް ބޮންއަޅާން ފެށުމުގެ ކުރީން، އެތަންތަނުގައި ދިރިއުޅޭ ފަރާތްތަކަށް ފޯނުން ގުޅާފައި ޢިމާރާތް ހުސްކުރާން އަންގާތީ، ނޫސްވެރީން ތިބެނީ، އެތަންތަނާ ފުދޭވަރަކަށް ދުރުގައި ކަމަށް ވެއެވެ. ނަމަވެސް މަންޒަރު ދުށް މީހުން ބުނާގޮތުން، އިޒްރޭލުން ހަމަލާތައް އަމާޒުކޮށްފައިވަނީ ނޫސްވެރީން ތިބޭ ހިސާބުތަކުގެ ޢިމާރާތްތަކަށެވެ. 

ޣައްޒާގެ ޕްރެސް ޔޫނިއަންއިން މަޢުލޫމާތުދޭ ގޮތުގައި، އެ ޔޫނިއަންގެ އަންހެން ނޫސްވެރިންގެ ކޮމިޓީގެ ވެރިޔާ، ސަލާމް ޚަލީލާއި އޭނާގެ ފިރިމީހާއާއި ދަރީން ހިމެނޭގޮތަށް މުޅިޢާއިލާ އެމީހުންގެ ގޭގައި ތިއްބައި، އިޒްރޭލުން ވަނީ، ބޮންއަޅައި ޢާއިލާގެ ހުރިހާ މެންބަރުން ޝަހީދުކޮށްލައިފައެވެ. 

މީގެ އިތުރުން، ނޫސްވެރިޔާ އަސަދު ޝަމްލަކް އާދީއްތަ ދުވަހު ޝަހީދުކޮށްލާފައި ވާއިރު، އިތުރު 10 ނޫސްވެރިއަކު ވަނީ ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފައެވެ. އަދި 2 ކެމެރާމަނަކު ވަނީ ގެއްލިފައެވެ. 

ޣައްޒާގައި ޙަރަކާތްތެރިވާ ނިއުޔޯކް ބޭސްޑް މީޑިއާ ގްރޫޕަކުން މަޢުލޫމާތު ދޭގޮތުން، އިޒްރޭލު ސިފައިން ވަނީ، އެ ގްރޫޕަށް މަސައްކަތްކުރާ ފޮޓޯގްރާފަރެއް ކަމަށްވާ އިބްރާހީމް މުޙައްމަދު ލަޠީފާއި، އަދި 2 ރިޕޯޓަރުން ކަމަށްވާ މުޙައްމަދު ޖަރުޣޫނާއި މުޙައްމަދު އަލް ޞާލިޙުގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފައެވެ. 

ޣައްޒާގައި ނޫސްވެރީންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ޝަރީފް މަންސޫރު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ނޫސްވެރީންނަކީ ޢާންމު ރައްޔިތުންކަމަށާއި، ނޫސްވެރީންނަށް ހަމަލާތައް އަމާޒު ނުކުރުމަށް ހަމާސްއާއި އިޒްރޭލަށްވެސް ގޮވާލާފައި ވާނޭ ކަމަށެވެ. އަދި ހަނގުރާމައިގެ މި ނާޒުކު ދަނޑިވަޅުގައި ޣައްޒާއާއި އިޒްރޭލުގެ ޙާލަތު ޙަޤީގަތާ އެއްގޮތަށް ދުނިޔެއަށް ހާމަކުރުމަށް އެންމެ މުޙިއްމު ދައުރެއް އަދާކުރާނީ ނޫސްވެރީންކަމަށް ވާތީ، ނޫސްވެރިކަމަށް ހުރަސްއެޅޭ އެއްވެސް ކަމެއް ނުކުރުމަށް ވަނީ ގޮވާލައިފައެވެ.