ފަލަސްޠީނާ އިޒްރޭލާ ދެމެދު މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ވަރުގަދަ ހަމަލާތަކެއް ބަދަލުކުރެވެމުން ދާ މި ދަނޑިވަޅުގައި އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރެއް، އިޒްރޭލާ ގާތްކުރުމަކީ، އިޒްރޭލުން ޣައްޒާގައި ޤަތުލުޢާންމެ ހިންގަން މަގުފަހިވެދާނޭކަމެއް ކަމަށް، ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު ޢުރުދުޣާން ވިދާޅުވެއްޖެއެވެ. 

އިޒްރޭލުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތައް މިނިވަންކޮށް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް އެގައުމުގެ މުޖާހިދުންގެ ޖަމާޢަތެއް ކަމަށްވާ ހަމާސްއިން ވަނީ މިދިޔަ ހޮނިހިރު ދުވަހު "އޮޕަރޭޝަން އަލް އަޤްޞާ ތޫފާން"ގެ ނަމުގައި ވަރުގަދަ ހަމަލާތަކެއް އިޒްރޭލަށް ދީފައެވެ. އަދި މި ހަމަލާތަކުގައި އިޒްރޭލުން މިހާތަނަށް 1200އަށް ވުރެ ގިނަ މީހުން މަރުވެ، 2900އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، މަރުވި މީހުންގެ ތެރޭގައި އިޒްރޭލުގެ އެންމެ ގާތް މިތުރުކަމަށްވާ އެމެރިކާގެ ރައްޔިތުންވެސް ހިމެނެއެވެ. 

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން އާދީއްތަ ދުވަހު ވިދާޅުވެފައި ވަނީ، އިޒްރޭލަށް އެހީތެރިވުމުގެ ގޮތުން، އެމެރިކާގެ ހަނގުރާމަމަތީ އުޅަނދެއް ކަމަށްވާ ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް އިޒްރޭލާ ކައިރިކުރުމަށް ދަތުރުކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

ޢުރުދުޣާން ވިދާޅުވީ، އެމެރިކާއިން، އިޒްރޭލާ ހަމާސްގެ ހަމަނުޖެހުންތަކުގެ ތެރެއަށް ވަދެއްޖެ ނަމަ، އޭގެ ސަބަބުން، ޣައްޒާގައި ވަރަށް ސީރިއަސް ޤަތުލުޢާންމުތަކެއް ހިނގުން އެކަށީގެން ވާކަމަށެވެ. މީގެ ކުރީންވެސް ޢުރުދުޣާން ވަނީ، ތުރުކީވިލާތުން އަބަދުވެސް އޮންނާނީ ފަލަސްތީނާއެކުގައި ކަމަށާއި، އެ ސަރަޙައްދަށް ހަމަޖެހުން ލިބޭނޭ ހަމައެކަނި ގޮތަކީ، ފަލަސްތީނުގެ ބިންތައް އަނބުރާ ރައްދުކޮށް، ފަލަސްތީނުގެ މިނިވަން ދައުލަތެއް އެތަނުގައި ޤާއިމުވުންކަމަށް ވިދާޅުވެފައެވެ. 

ވޭތުވެދިޔަ ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި، އިޒްރޭލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް އެއްގަމާއި ކަނޑުގެ މަގުން އަދި ވައިގެ މަގުން ދީފައިވާ ވަރުގަދަ ހަމަލާތަކުގައި ފަލަސްތީނުގެ ޢާންމު ދިރިއުޅޭ އެތަކެއް ސަތޭކަ ޢިމާރާތާއި، ސިއްޙީ ޚިދުމަތްދޭ ތަންތަނާއި ސްކޫލްތައްވެސް ވަނީ ބިމާ ހަމަވެފައެވެ. އަދި އިޒްރޭލުން ވަނީ، ފަލަސްޠީނަށް ކާބޯތަކެއްޗާއި، އެހީގެ ސާމާނު ފޯރުކޮށްދޭ ހުރިހާ ދޮރުތަކެއްވެސް ބަންދުކޮށްފައެވެ. މީގެ އިތުރުން ފެނާ، ކަރަންޓާ ގޭސްވެސް ނުލިބޭގޮތަށް މުޅި ޣައްޒާވަނީ އެއްކޮށް ބަންދުކޮށްފައެވެ. 

ހަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 900އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، ޒަޚަމްވީ މީހުންގެ ޢަދަދު 4500އަށްވުރެ މަތިކަަމަށް ޣައްޒާގައި ހުންނަ ފަލަސްޠީނުގެ ސިއްހީ ވުޒާރާއިން ބުނެއެވެ.