އިޒްރޭލާ ފަލަސްޠީނާ ދެމެދު މިހާރު ކުރިއަށްދާ ހަނގުރާމައިގައި، އަވަށްޓެރި ސީރިއާގެ ސަރަޙައްދުތަކަށްވެސް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. 

އިޒްރޭލުގެ އިދާރާތަކާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާ ގޮތުން، އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ އަންގާރަދުވަހު، ސީރިއާގެ ދެކުނުން އިޒްރޭލާ ގުޅޭ ސަރަހައްދަށް، އާޓިލަރީއާ މޯޓަރުބަޑި ބޭނުންކޮށްގެ ވަރުގަދަ ހަމަލާތަކެއް ފޮނުވާލައިފައެވެ. 

ސީރިއާގެ ބައެއް މަސްދަރުތަކުން ބުނާގޮތުން، ދެކުނު ސީރިއާގައި ހަރަކާތްތެރިވާ ފަލަސްތީނުގެ މުޖާހިދުން ވަނީ، ސީރިއާގެ ސަރަހައްދުތަކުން އިޒްރޭލަށް 3 މިސައިލް ހަމަލާ ފޮނުވާލައިފައެވެ. އިޒްރޭލުން ސީރިއާއަށް ބޮންއަޅަން ފަށާފައި ވަނީ، މި ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުންނެވެ. 

އިޒްރޭލްގެ އަސްކަރިއްޔާއިން ބުނެފައި ވަނީ، އިޒްރޭލް ސިފައިން ހަމަލާދީފައި ވަނީ، ސީރިއާއިން މިސައިލް ހަމަލާތައް ފޮނުވާލި އަމާޒުތަކަށް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ. މި ހަމަލާތަކުގައި ގެއްލުން ލިބިފައިވާކަމެއް އަދި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމެއްވެސް މިހާތަނަށް ރިޕޯޓުކޮށްފައެއް ނުވެއެވެ.

އިޒްރޭލްގެ މި ހަމަލާތަކާއެކު ފަލަސްތީނާ އިޒްރޭލާ ދެމެދު މިހާރު ފެށިފައިވާ ހަނގުރާމަ މުޅި ސަރަހައްދަށް ފުޅާވެދާނެކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ. އެގޮތުން، އިޒްރޭލާ ބޯޑަރު ހިއްސާކުރާ އަނެއް ގައުމުކަމަށްވާ ލުބުނާނުގައި ޙަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތެއް ކަމަށްވާ ޙިޒްބުﷲއިން ވެސް ވަނީ ފަލަސްތީނުގެ ހަމާސްގެ މުޖާހިދުންނާ ބައިވެރިވެ، އިޒްރޭލަށް ހަމަލާދޭން ފަށައިފައެވެ.