އިޒްރޭލާ ޣައްޒާގެ ހަމަނުޖެހުމުން ދައްކުވައި ދެނީ، މެދުއިރުމަތީގައި އެމެރިކާއިން ގެންގުޅޭ ދެފުއްކެހެރި ސިޔާސަތުގެ ނާކާމިޔާބީ ކަމަށާއި، ހަމަނުޖެހުންތައް ހައްލުކުރާން އޮތް ހަމައެކަނި ހައްލަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުންކަށް ރަޝިއާގެ ރައީސް ވްލަޑްމިއަރ ޕޫޓިން ވިދާޅުވެއްޖެއެވެ. 

އެމެރިކާއިން މެދުއިރުމަތީގައި ގެންގުޅޭ ދޯހަޅި، އަދި ވަކިފަރާތަކަށް ބުރަވާ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޕޫޓިން ވާހަކަފުޅު ދައްކަވާފައި މިވަނީ، ހަމާސްއިން އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއްދިންތާ ދެތިން ދުވަސްފަހު، މޮސްކޯގައި އިރާގުގެ ބޮޑުވަޒީރު، މުޙައްމަދު ޝީޢާ އަލް ސޫދާނީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ. 

"ގިނަ ބަޔަކު އަޅުގަނޑާ އެއްބަސްވާނެހެން ހީވަނީ، އެއީ މެދުއިރުމަތީގައި އެމެރިކާގެ ސިޔާސަތުތައް ނާކާމިޔާބުވުމުގެ ސާފު މިސާލެއް ކަމަށް،" ޕޫޓިން ވިދާޅުވިއެވެ.

ޕޫޓިން ވިދާޅުވީ، އެމެރިކާއިން މެދުއިރުމަތީގައި ސުލްހަގާއިމުކުރުމުގެ ނަމުގައި ގެންގުޅުނީ އެއްފަރާތަކަށް ޖެހިފައިވާ ސިޔާސަތެއް ކަމަށާއި އޭގެ ސަބަބުން އެ ސަރަހައްދުގައި ސުލްހަގާއިމު ކުރުން ނާކާމިޔާބުވީ ކަމަށެވެ. އަދި ފަލަސްތީނުން އަމިއްލަ މިނިވަން ދައުލަތެއް ހޯދުމަށް ކުރާ މަސައްކަތަށް އެމެރިކާއިން އަބަދުވެސް ދެނީ ބީރުކަންފަތެއް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. 

މީގެ އިތުރުން ޕޫޓިންގެ ވާހަކަފުޅުގައި، އދ.ގެ ސަލާމަތީ މަޖިލީހުން ފަލަސްތީނުގެ ސިޔާދަތީ މިނިވަން ދައުލަތެއް އުފެއްދުމަށް މުހިއްމު ދައުރެއް އަދާކުރާންޖެހޭކަންވެސް ވަނީ ފާހަގަކުރައްވައިފައެވެ.