ފަލަސްތީނުގެ މުޖާހިދުން، އެމީހުންގެ މިނިވަކަަމާއި އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ކުރާ ޖިހާދުގައި އިޒްރޭލަށް އެހީތެރިވުމުގެ ގޮތުން އެމެރިކާ ތަދައްޚުލް ވެއްޖެ ނަމަ، އެ ސަރަހައްދުގައިވާ އެމެރިކާގެ އަމާޒުތަކަށް ހަމަލާދޭނޭ ކަމުގެ އިންޒާރު، އިރާގުގެ ސިޔާސީ އިސް ލީޑަރެއް ކަމަށްވާ ޚާދީ އަލް ޢަމީރީ ދެއްވައިފިއެވެ. 

އަލް އަމީރީއަކީ، އީރާނާއި އިރާގުގެ ސަރުކާރުގެ ތާއީދު ލިބިފައިވާ ޕޮޕިއުލާ މޮބިލައިޒޭޝަން ފޯސަސް (ޕީއެމްއެފް)ގެ ގިނަ ފެކްޝަންތަކެއް ހިމެނޭ، މަޤުބޫލު ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ، ބަދުރު އޯގަނައިޒޭޝަންގެ ލީޑަރެވެ. 

ބަޣްދާދުގައި އޮތް ގަބީލާތަކުގެ ބައްދަލުވުމެއްގައި، ހޯމަދުވަހުގެ ރޭ އަލްއަމީރީ ވިދާޅުވީ، އިޒްރޭލަށް ތާޢީދުކޮށް، ހަމާސްކުރާ ޖިހާދުގެ ތެރެއަށް އެމެރިކާއިން ތަދައްޚުލުވެއްޖެ ނަމަ، އިރާގުންވެސް ބަލަން ނުތިބޭނޭ ކަމަށެވެ. އޭނާ ވިދާޅުވީ "އެމީހުން މި ކޯޅުމުގެ ތެރެއަށް ފާޅުގައި ވަދަގެންފި ނަމަ، އެމެރިކާގެ މަސްލަހަތު އޮންނަ ހުރިހާ އަމާޒުތަކަކީ އަހަރެމެން ބަލާނީ ޝަރުޢީގޮތުން އަހަރެމެންނަށް ހަމަލާދެވޭނޭ ތަންތަން،" ކަމަށެވެ. 

އަލް އަމީރީގެ އިންޒާރު އައިސްގައި މިވަނީ، އެމެރިކާއިން އިޒްރޭލަށް އިތުރު ހަތިޔާރުތަކާއި، ހަނގުރާމަމަތީ ފައުޖެއް އިރުމަތީ މެޑިޓެރޭނިއަން ކަނޑަށް މިސްރާބުޖަހާފައިވާކަމަށް ބުނިތާ އެއް ދުވަސް ފަހުންނެވެ. 

މިފަހަކަށް އައިސް އުފެދުނު އިސްލާމީ އެންމެ ވަރުގަދަ އެއް ލީޑަރު، ސައްދާމު ޙުސައިންގެ ވެރިކަން ވައްޓާލައި، އެމެރިކާއިން އިރާގު އަޅުވެރިކޮށްގެން އުޅުމަށްފަހު އެގައުމުން ފައިބައިގެން ދިޔަފަހުން، އީރާނުގެ މަދަދުލިބޭ އިރާގުގެ ހަނގުރާމަވެރި ޖަމާޢަތްތަކުންނާއި ޢާންމުންވެސް ދަނީ، އިރާގުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނާއި، އަދި އެމެރިކާގެ އެމްބަސީއަށްވެސް ދޭތެރެއަކުން ހަމަލާތައް ދެމުންނެވެ. މިކަން ހުއްޓުމަކަށް ގެނެސްފައި ވަނީ، މިދިޔައަހަރު، އެމެރިކާއާ އިރާގުގެ ހަނގުރާމަވެރި ޖަމާޢަތްތަކާ ދެމެދު، ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުމަކާ ގުޅިގެންނެވެ. 

އިސްލާމިކް ސްޓޭޓް (އައިއެސްއައިއެސް)އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެހީތެރިވުމަށް، އިރާގުގައި މިހާރުވެސް އެމެރިކާގެ 2،500 ސިފައިން، އަދި ސީރިއާގައި އިތުރު 900 ސިފައިން އެބަތިއްބެވެ. އެހެންކަމުން އަމީރީގެ މި އިންޒާރަކީ އެމެރިކާއިން އިޒްރޭލަށް އެހީތެރިވެއްޖެ ނަމަ، އިރާގާއި ސީރިއާގައި ތިބި އެމެރިކާ ސިފައިންނަށް ހަމަލާދޭނޭކަމުގެ އިންޒާރެވެ.