މިދިޔަ ހޮނިހިރު ދުވަހު ފަލަސްތީނުގެ މުޖާހިދުންގެ ޖަމާޢަތެއް ކަމަށްވާ، ޙަމާސްއިން އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ފެށި ވަރުގަދަ ޖިހާދުގައި ބައިވެރިވާ މައި ލަޝްކަރުގެ ޙަމަލާތައް އަދި ނުފެށޭ ކަމަށާއި، ކުރިއަށް އޮތް ތާނގައި ހަމަލާތައް އަދި ވަރުގަދަ ވާނޭކަމަށް އެ ޖަމާޢަތުން ބުނެފިއެވެ. 

ޙަމާސްގެ ތަރުޖަމާނު އަބޫ ޢުބައިދާ އޮންލައިންކޮށް ފޮނުވި ވީޑިއޯ މެސެޖެއްގައި އިޒްރޭލަަށް އިންޒާރުދެއްވައި ވިދާޅުވީ، ހަމާސްގެ ވަރުގަދަ ވައިގެ ހަމަލާތަކެއް އަދި ކުރިއަށް އެބަ އޮތްކަމަށެވެ. މާބޮޑު ތަފްސީލެއް ނުދެއްވައި އޭނާ ވިދާޅުވީ މި ފަހަރުގެ ހަމަލާތަކުގައި ޙަމާސްގެ މައި ލަޝްކަރު/ބާރުގެ ބޭނުން އަދި ނުހިފާ ކަމަށެވެ. 

ނަމަވެސް އޭނާ ވަނީ، އިޒްރޭލުގެ އަނިޔާވެރިކަމާއި ގަދަކަމުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތައް މިނިވަންކުރާނޭކަމަށް ވަޢުދުވެވަޑައިގެންފައެވެ. 

ހަމާސްއިން އިޒްރޭލަށް ދިން ކުއްލި ހަމަލާތަކުގައި މިހަތަނަށް އިޒްރޭލުން 900 ގިނަމީހުން މަރުވެފައިވާ ކަމަށާއި އަދި 2300އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށް އިސްރާއީލްގެ ދިފާޢީ ބާރުން ބުނެއެވެ. 

އިޒްރޭލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ، މިފަހަރު އިޒްރޭލުން ފެށި ހަނގުރާމަ ނިންމާލާނީ ހަމާސް އެއްކޮށް ނައްތާލައި، މުޅި ފަލަސްތީނު އިޒްރޭލްގެ ތަނަކަށް ހަދާފައި ކަމަށް ބުނެފައެވެ. އަދި އޭނާ ވަނީ، އިޒްރޭލުގެ އެންމެ ޒަމާނީ ހަތިޔާރުތަކުން ފަލަސްތީނުގެ ހުރިހާ ސަރަހައްދަކަށް ހަމަލާދީގެން ނަމަވެސް މި ހަނގުރާމަ ކާމިޔާބުކުރުމަށް އަމުރުކޮށްފައެވެ. އަދި މިހާރު ކޯޅުން ބޮޑުވެފައިވާ އިޒްރޭލުގެ ސިޔާސީ އިދިކޮޅު ފަރާތްތަކަށް އޭނާ ވަނީ، ގުޅިފައިވާ ސަރުކާރެއް އުފެއްދުމަށް ދަޢުވަތުދީފައެވެ.

އިޒްރޭލްގެ ވަރުގަދަ ބޮމުގެ ޙަމަލާތަކުގައި ޣައްޒާގެ އެތަކެއް ޢިމާރާތްތަކެއް ބިމާ ހަމަކޮށްލާފައި ވާއިރު، މިހާތަނަށް މި ހަނގުރާމައިގައި ފަލަސްތީނުގެ 770އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި ޒަޚަމްވި މީހުންގެ ޢަދަދު 4,000އަށްވުރެ ގިނައެވެ. އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި، 140 ކުޑަކުދީންނާއި 120 އަންހެނުން ހިމެނޭކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.