އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހޭ ފަރާތްތަކަށް އިންސާނީ އެހީފޯރުކޮށްދިނުމަށްޓަކައި، އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހުޅުވާލި ޣައްޒާ އެމަޖެންސީ ރިލީފް ފަންޑަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފިއެވެ.  

އޭއައިސީން ޣައްޒާ ރިލީފް ފަންޑު ހުޅުވާލީ އާދީއްތަ ދުވަހުއެވެ. އަދި އެ ފަންޑަށް މިއަދު މެންދުރާ ހަމައަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ޖަމާވެފައިވާ ކަމަށް، އައިއޭސީގެ މީޑިއާ ޑިރެކްޓަރ އަޒްހަދު އަހުމަދު ވިދާޅުވިއެވެ. 

އައިއޭސީން ބުނީ، ޣައްޒާއާ ކިތަށްމެ ދުރުގައި ތިއްބަސް، ޔަހޫދީންގެ އަތްދަށުން ޣައްޒާ ސަލާމަތްކޮށް، ހާލުގައި ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް އެހީވުމުގައި ކިތަންމެ މަސައްކަތެއް ކުރަންޖެހުނަސް، މިއީ ފަސްނުޖެހި ކުރާާނެކަން ދައްކަންވީ ވަގުތުކަމަށެވެ. އެހެންކަމުން، މިކަމުގައި އެންމެހައި ދިވެހީން އަޑުއުފުލައި، ފަލަސްތީނުގެ ރައްޔިތުންނަށް ހެޔޮދުޢާކޮށް އެހީތެރިވެދިނުމުގައި ތިބުމަށް އެޖަމިއްޔާއިން ވަނީ ގޮވާލައިފައެވެ. 

އެހީ ފޯރުކޮށްދިނުމަށް.

ބީއެމްއެލް އިސްލާމިކްއެކައުންޓް ނަމްބަރު: 7770000062741

ބީއެމްއެލް އިސްލާމިކްއެކައުންޓް ނަން: International Aid Campaign

އެކައުންޓް ލޭބަލް: IAC | EMERGENCY

އައިއޭސީން މައުލޫމާތުދޭ ގޮތުގައި މިވަގުތުވެސް އެ ޖަމިއްޔާގެ އެހީދޭ މެންބަރުން، ޣައްޒާގެ ސައިޓްތަކުގައި ރެޔާދުވާލު ދަނީ ހަރަކާތްތެރިވަމުންނެވެ.

ޔަހޫދީންގެ ލާއިންސާނީ ހަމަލާތަކާއި، އަނިޔާގައި އެތަކެއް މުސްލިމުން ޝަހީދުވެ، އެކި ވަރުވަރުގެ ޒަހަމްތަށް ލިބި ކުނިބުންޏާއި، ވެއްޓިފައިވާ ފާރުތަކުގެ ދަށުވެފައިވާއިރު، އެފަރާތްތައް ހޯދުމާއި، ސަލާމަތްކުރުމުގެ މަސައްކަތް، ފަލަސްޠީނުގެ ރެސްކިއު ޖަމާޢަތްތަކުން ދަނީ ކެނޑިނޭޅި ކުރަމުންނެވެ. 

އިޒްރޭލްގެ ޔަހޫދީންގެ ވައިގެ ހަމަލާތައް ޣައްޒާގެ ސަތީ ރެފިއުޖީ ކޭމްޕު އަދި ޖަބަލީ ރެފިއުޖީ ކޭމްޕައް އަމާޒުވެފައިވާއިރު، މި ހަމަލާތަކުގައި މަސްޖިދް އަޙްމަދު ޔާސީން އަދި މަސްޖިދު އައް ސޫސީ ވަނީ ފުނޑުފުނޑުވެ ބިމާ ހަމަވެފައިވެއެވެ.