ހަމާސްއިން އިޒްރޭލާ ދެކޮޅަށް ދޭންފަށައިފައިވާ ވަރުގަދަ ހަމަލާތަކުގައި އެމެރިކާގެ އަތެއް ވާކަމަށް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ރިޕަބްލިކަން ޕާޓީގެ ޓިކެޓަށް ވާދަކުރައްވާ އިންޑިއާ ދަރިކޮޅުގެ ކެންޑިޓޭޓް ނިމަރަތާ ނިކީ ރަންދަވާ ހޭލީ (ނިކީ ހޭލީ) ތުހުމަތުކުރައްވައިފިއެވެ. 

ސައުތު ކެލިފޯނިއާގެ ކުރީގެ ގަވަރުނަރުކަންވެސް ކުރައްވާފައިވާ ނިކީ ވިދާޅުވީ، އިޒްރޭލަށް ދިން ހަމަލާއާ ވޮޝިންގޓަނާ ގުޅުވެނީ، ދާދިފަހުން އީރާނަށް ދިން 6 ބިލިއަން އެމެރިކާ ޑޮލަރާކަމަށެވެ. 

އެމެރިކާގެ ނޫސްތަކުންވެސް އަދި ސިޔާސީ އިދިކޮޅު ފަރާތްތަކުންވެސް ދަނީ، އެމެރިކާއިން އީރާނަށް ދިން 6 ބިލިއަން ޑޮލަރުގެ އެހީ، އީރާނުން ބޭނުންކޮށްފައި ވަނީ، ފަލަސްތީނުގެ މުޖާހިދުންނަށް ހަތިޔާރު ފޯރުކޮށްދިނުމަށްކަމަށެވެ. ނަމަވެސް އެމެރިކާގެ ސްޓޭޓް އެޓަރނީގެ ސެކްރެޓަރީ ބްލިންކެން ވަނީ އެއީ ހަގީގަތެއް ނޫންކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަން ދޮގުކުރާން އިތުރު އެއްވެސް ހެއްކެއް ދައްކަވާފައެއް ނުވެއެވެ. 

ބްލިންކެން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައި، ނިކީ ވިދާޅޫވީ އެއީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ބްލިންކެން ދެއްކެވި ވާހަކަފުޅެއް ކަމަށާއި، އޭނާ އދ..ގައި މަސައްކަތްކުރެއްވި ދުވަސްވަރު، އޭރުގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުންވެސް އީރާނަށް މަތިންދާ ބޯޓާ ފައިސާގެ އެހީތެރިކަންވެސް ފޯރުކޮށްދިންކަމަށާއި، އަދި އެ ހުރިހާ ތަކެއްޗެއް ދިޔައީ ހަނގުރާމަވެރި ޖަމާޢަތްތަކަށް ކަމަށާއި، އީރާނުގެ ޢާންމުންނަށް އެއިން އެއްވެސް ފައިދާއެއް ނުކުރާ ކަމަށެވެ. 

އަދި އީރާނަކީ އެމެރިކާއާ އިޒްރޭލަށް ނަފްރަތު ކުރާ ގައުމަކަށް ވާއިރު، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލުމަކީވެސް އެމެރިކާއިން ހެދި ބޮޑު ގޯހެއްކަމަށް އޭނާ ވިދާޅުވިއެވެ.