ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޤަވާއިދުތަކަށް ގޮންޖަހައި، ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އިޒްރޭލުގެ ޔަހޫދީންގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާޢަތުން ފެށި "އޮޕަރޭޝަން އަޤްސާ ފްލަޑް"ގައި ބައިވެރިވެ، އަވައްޓެރި ލުބްނާނުގެ ޖަމާޢަތެއް ކަމަށްވާ ހިޒްބުﷲގެ މުޖާހިދުންވެސް އިޒްރޭލަށް ހަމަލާދޭން ފަށައިފިއެވެ.

ހަމާސްއިން މިފަހަރު ކުރިއަށް ގެންދާ ހަނގުރާމަ ޢިއުލާނުކުރުމާއެކު ޙިޒްބުﷲއިން ވަނީ، އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ހާލަތުގައި ހަމާސްގެ ޖިހާދުގައި ބައިވެރިވާނޭކަން ޢިއުލާނުކޮށްފައެވެ.

އެ ޖަމާޢަތުން ބުނނީ، ޔަހޫދީން އަތްގަދަކޮށް ފޭރިގެންފައިވާ ލުބުނާނުގެ ބިންތަކެއް ކަމުގައިވާ ޝީބާގެ ދަނޑުބިންތަކުގައި ޔަހޫދީން ގާއިމުކޮށްފައިވާ ރާޑަރު ސިސްޓަމްތަކަށް ވަރުގަދަ ހަމަލަތަކެއް ދީފައިވާނެ ކަމުގައެވެ. މީގެ އިތުރުން ޒަބްދީނާއި ރުވައިސަތާއި އަލް-ޢަލްމީގައި ޔަހޫދީ އަސްކަރިއްޔާއިން ގާއިމުކޮށްފައިވާ މަރުކަޒުތަކަށް ވެސް ޙިޒްބުﷲއިން ވަނީ ބަޑިއާއި މިސައިލްތައް ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ޙިޒްބުﷲގެ ހަމަލާތަކާއެކު އިޒްރޭލުންވެސް ވަނީ، އެ ޖަމާޢަތުގެ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފައެވެ. އެގޮތުން ލުބްނާނުގެ ސަރަހައްދީ ރޮނގުކައިރީގައިވާ ހިޒްބުﷲގެ ކޮންޓްރޯލް އޮންނަ ބައެއް ތަންތަނަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީފައިވާކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ. 

ހަމާސްގެ ހަމަލާތަކާއެކު އިޒްރޭލުން ހަނގުރާމަ ޢިއުލާނުކޮށް، ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ވައިގެ މަގުންނާއި އެއްގަމާއި ކަނޑުންވެސް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައި ވާއިރު، މިހާތަނަށް ޔަހޫދީންގެ 250 އަށްވުރެ ގިނަ މީހުން މަރައިލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ޢަދަދު 256އަށް އަރާއިރު، ޒަޚަމްވި މީހުންގެ ޢަދަދު 1800އާ ގާތްކުރެއެވެ.